އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ، އެ މަންޒަރު އެބަ ފެނޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިއަދު މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

މި އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ މަންޒަރު އެ މަނިކުފާނަށް ސާފުވާ ކަމަށް ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު ނުވައެއްގައި އޮންނަ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް މާލޭގެ ގޭގެއަށް ދޮރުންދޮރަށް ވަޑައިގަތުމަށް ފަހުގައި މީޑިއާތަކާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އަބަދު ވެސް ގެންގުޅޭ އުސޫލަކީ އާންމު މެންބަރުންގެ ގާތަށް ގޮސް، އެ މީހުން ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށާއި މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކަންތައް ކުރެއްވީ އެ މޭރުމުން ކަމަށެވެ.

"މާލޭގެ ރައްޔިތުންނަށް އޭރު ވެސް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމަކީ، ބޯހިޔާވަހިކަން. އެ ކަމަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދު ހަމަގައިމު ވެސް މިއަދު އަޅުގަނޑު ވަތް ގޭގެއިން ފާހަގަވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ރިޔާސީ ކެމްޕޭނަށް މާލޭގެ ގޭގެއަށް ވަޑައިގަތުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެތޯ އަދި ވެސް ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު، މިއަދު ވެސް އެ މަނިކުފާނު ވާނީ އެ އެންމެންނަށް ގޯތި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ﷲ ގެ ރަހުމަތާ އެކު އެއްބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

"ކުރީގައި 2018 ގައި ލިބުނު ޓާގެޓާ ހިސާބަށް ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑަށް އެ މަންޒަރު މިހާރު އެބަ ފެނޭ. ދެން އޮންނާނީ، މަސައްކަތް ކުރުން. ކޮށްފައި ހުރި މަސައްކަތްތައް ކިޔައިދޭން ޖެހޭނެ. އެހެން ބަޔަކު އޮޅުވާލައިގެން އެބަ ވާހަކަ ދައްކާ،"

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ރިޔާސީ ކެމްޕޭނަށް މިއަދު މާލޭގެ ގޭގެއަށް ވަޑައިގަތުމުގެ ތެރެއިން: އެ މަނިކުފާނު ވިދާޅުވީ، އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބައެއް ކަންކަން އޮޅުވާލުމުގެ ސަބަބުން ރައްޔިތުންނަށް ހަގީގަތް އޮޅެމުންދާ ކަމަށެވެ.

އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެންމެ ބޮޑު އިސްކަމެއް ދޭންވީ، މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަން، ކުރެވިއްޖެ ނަމަ ތަފާތު ބޮޑު ނަތީޖާއަކުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"ވަރަށް ވަރަށް ޔަގީންކަން އެބައޮތް ބޮޑު ނަތީޖާއަކުން އެއްބުރުން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭނަށް ރައީސް ޞާލިޙް މިއަދު ވަނީ ގަލޮޅުގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައިފައެވެ.

comment ކޮމެންޓް