ރާއްޖޭގައި ޗައިނާ އާއި އިންޑިއާއިން ކޯޅުމަށް މި ސަރުކާރުން ޖާގައެއް ނުދޭ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނިއު ދިއްލީގައި ހުންނަ ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ދެއްވި ތަގުރީރެއްގައި ޝާހިދު ވަނީ، ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ގެންގުޅޭ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އިންޑިއާ ކަނޑުގައި ރާއްޖެ އޮތީ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދެއްގައިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އޭގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ޒިންމާ ބޮޑު ކަމަށެވެ. އެހެންވެ، ރާއްޖެއިން ވަނީ ދެ ގައުމަށް ވެސް ފައިދާވާނެ ފަދަ ގުޅުންތައް ގާއިމުކޮށް، ދަމަހައްޓާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އިންޑިއާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ތަރައްގީއަށާއި ގައުމުގެ ވިލުންވެރިކަން އިތުރުކުރުމަށް އިންޑިއާއިން ދަނީ ފުޅާދާއިރާއެއްގައި އެހީވަމުން،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއިން ޖަޕާނާއި އޮސްޓްރޭލިއާ އާއި ޗައިނާއާއި އިތުރު ގައުމުތަކާ އެކު ވެސް ވަރަށް މުހިންމު ގުޅުންތައް ބާއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ތަގުރީރަށް ފަހު ނޫސްވެރިއަކު ވަނީ ރާއްޖެއަށް ނުފޫޒު ފޯރުވަން ޗައިނާ އާއި އިންޑިއާއިން ވާދަކުރާތާ އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅުވައި އެކަމާ ބެހޭ ގޮތުން ޝާހިދުގެ ޚިޔާލަކީ ކޮބައިތޯ އަހާފައެވެ.
"ރާއްޖޭގައި އެފަދަ ކޯޅުމަކަށް މި ސަރުކާރުން ފުރުސަތު ނުދޭ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ޝާހިދު ވިދާޅުވިއެވެ.
އަދި އެއް ގައުމާ އަނެއް ގައުމު ޖައްސަން ރާއްޖެއިން މަސައްކަތް ނުކުރާ ކަމަށާއި ރާއްޖެއަކީ ހުރިހާ ގައުމަކާ އެކުވެރި ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ސަރަހައްދީ ގޮތުންނާއި ތާރީޚީ ގޮތުން ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ޚާއްސަ ގުޅުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވައި، ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.