ވިލްނިޔަސް (12 ޖުލައި 2023): ޔުކްރޭނަކީ މިހާރު އެހެން ގައުމަކާއެކު ހަނގުރާމަ ކުރަމުންގެންދާ އަދި ހަނގުރާމައެއް ތެރޭގައިވާ ގައުމެއް ކަމަށާއި ޔުކްރޭނަށް ނޭޓޯގެ މެމްބަރުކަން ދޭން ނޭޓޯގެ ގިނަ ގައުމުތަކުން ދެކޮޅު ހަދަނީ އެކަމާ ގުޅިގެންކަމަށް އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެއެވެ.
ލިތުއޭނިއާގެ ވެރިރަށް ވިލްނިޔަސްގައި އިއްޔެ ފެށި ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ސްޓޮލްޓަންބާގް ވިދާޅުވީ އެހެންގައުމަކާއެކު ހަނގުރާމައިގެ ހާލަތެއްގައި އޮތް ގައުމަކަށް ނޭޓޯގެ މެންބަރުކަން ދީފިނަމަ އެހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަންނަންޖެހިދާނެކަމުގެ ބިރު ނޭޓޯގެ ގައުމުތަކުން އިހުސާސްކުރުމަކީ ޔުކްރޭނަށް ނޭޓޯގެ މެމްބަރުކަން ދޭން ނޭޓޯގެ ގިނަ ގައުމުތަކުން ދެކޮޅުހަދާ މައިގަނޑު ސަބަބު ކަމަށެވެ.
މީގެއިތުރުން ސްޓޮލްޓަންބާގް ވަނީ ރަޝިއާއާއެކު ޔުކްރެއިން މިހާރު ކުރާ ހަނގުރާމައިގާ ޔުކްރެއިން ބަލިވެއްޖެނަމަ ޔުކްރެއިންއަށް ނޭޓޯގެ މެންބަރުކަން ދިނުމާ ދެކޮޅަށްވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ބަލިވެއްޖެނަމަ ޔުކްރެއިން ނޭޓޯއަށް ވެއްދުމުގެ އެއްވެސް ބޭނުމެއްނެތެވެ.
ނޭޓޯއަކީ އަސްކަރީ ޖަމާއަތެއްކަމަށާއި އެޖަމާއަތުގެ ޗާޓަރު ބުނާގޮތުން މެންބަރު ކޮންމެ ގައުމެއް ހިމާޔަތްކުރުމަކީ ނޭޓޯގެ ޒިންމާއެއްކަން ސްޓޮލްޓަންބާގް ހަނދާން ކޮށްދެއްވިއެވެ. ނޭޓޯގެ މެންބަރު ގައުމަކަށް ނޭޓޯއިން ބޭރުގައިވާ ގައުމަކުން ހަމަލާއެއްދީފިނަމަ މެންބަރު ގައުމު ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަން އަމަލީގޮތުން ކުރުމަކީ ނޭޓޯގެ ކޮންމެގައުމަކަށްވެސް ލާޒިމް ކަމެކެވެ.
މީގެމާނައަކީ ނޭޓޯގެ މެންބަރު ގައުމެއް ނޭޓޯއިން ބޭރުގައިވާ ގައުމަކާއެކު ހަނގުރާމައިގެ ހާލަތަކަށް ގޮސްފިނަ އެހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ނޭޓޯގެ އެހެންގައުމުތައް ވަންނަންޖެހުމެވެ.
ސްޓޮލްޓަންބާގް މިވާހަކަތަކާ ގުޅިގެން ޔުކްރެއިންގެ ރައީސް ވަލްދިމިޔަރ ޒެލެންސްކީ ވަނީ ވަރަށްބޮޑަށް ކޯފާވެވަޑައިގެން ވާހަކަ ދައްކަވާފައެވެ. ޒެލެންސްކީ ވިދާޅުވިގޮތުގައި ސްޓޮލްޓަންބާގް ވާހަކަތަކުން އެނގޭގޮތުގައި ނޭޓޯއަށް ވައްދާނެކަމަށްބުނެ އެޖަމާއަތުން ޔުކްރެއިންއަށް ދައްކަނީ ދަޅައެކެވެ. ހުވަފެނެކެވެ. ހަގީގަތަކީ ޔުކްރެއިން ނޭޓޯއަށް ވެއްދުމަށް އެޖަމާއަތުގެ ގައުމުތައް ބޭނުންނުވުމެވެ. އަދި ނޭޓޯ ގެންދަނީ ޔުކްރެއިންއަށް އޮޅުވާލަމުންކަމުގައެވެ.
ޒެލެންސްކީ ވިދާޅުވިގޮތުގައި ޔުކްރެއިން ނޭޓޯއަށް ވެއްދުމުގެ މައްސަލާގައި ނޭޓޯގެ މެންބަރުގައުމުތަކުން ވާހަކަދައްކަނީ އެކިފަހަރު އެކިގޮތަށެވެ. ނޭޓޯގެ ސެކްރެޓޭރިއަޓުގެ ވާހަކަތައްވެސް ހުންނަނީ ބޯގޯސް މީހަކަށްވެސް ގަބޫލުނުކުރެވޭ ހާލަތުގައި ކަމަށް ސިފަކުރައްވައި ޒެލެންސްކީ ނޭޓޯއަށް ފާޑުވިދާޅުވިއެވެ.
ޔުކްރެއިން ރަޝިއާއާއެކު ހަނގުރާމައިގެ ހާލަތުގައި އޮއްވައި އެގައުމު ނޭޓޯއަށް ވައްދަން ދެކޮޅުހަދާކަން އެންމެ ފާޅުކަންބޮޑު ގޮތެއްގައި ހާމަކޮށްފައިވަނީ އެމެރިކާއިންނެވެ. ނަމަވެސް އިނގިރޭސިވިލާތާއި އެނޫން މަދުގައުމަކުންވަނީ ހަނގުރާމައިގެ ހާލަތުގައި އޮއްވައިވެސް ޔުކްރެއިން ނޭޓޯއަށް ވެއްދިދާނެކަމަށް ބުނެ އެކަމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ރަޝިއާއިން ޔުކްރެއިންއަށް އަސްކަރީގޮތުން އަރައިގަތް މައިގަނޑު ސަބަބަކީވެސް ނޭޓޯގެ މެންބަރުކަން ޔުކްރެއިންއަށް ދީގެން ރަޝިއާގެ ހުޅަނގު ދެކުނު ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރުމަށް ޒެލެންސްކީގެ ސަރުކާރުން ނޭޓޯއާއެކު ވާހަކަދައްކަމުން ގެންދިޔުމެވެ. ޔުކްރެއިން ނޭޓޯގެ ގައުމަކަށް ވެގެން ޔުކްރެއިން މެދުވެރިކޮށް ރަޝިއާ އަސްކަރީގޮތުން ހިސާރު ކުރުމަށް ނޭޓޯއާއި ޒެލެންސްކީގެ ސަރުކާރުން ރާވަމުންދިޔަ ރޭވުންތަކެވެ.
ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ ހުށަހަޅާ މައިގަނޑު ޝަރުތަކީވެސް ނޭޓޯގެ މެންބަރަކަށް ޔުކްރެއިން ނުވުމެވެ. އަދި އަސްކަރީގޮތުން ވަކިފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި ޔުކްރެއިން އޮތުމެވެ.
ނޭޓޯވަނީ އެޖަމާއަތް ރަޝިއާއާ ދިމާއަށް ފުޅާނުކުރާނެކަމުގެ ޔަގީންކަން ރަޝިއާއަށް ދިނުމަށްފަހު އެއާ ޚިލާފުވެ ރަޝިއާގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ބޯލްޓިކްގެ ގައުމުތައް ނޭޓޯއަށް ވައްދާފައެވެ. ބޯލްޓިކްގެ ގައުމުތަކަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ އިއްތިހާދުގައި ހިމެނުނު ގައުމުތަކެވެ. އެއީ އެސްޓޯނިުއާ، ލެޓްވިޔާ، އަދި ލިޓުއޭނިއާ އެވެ.
ރަޝިއާ އަކީވެސް ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގައުމެކެވެ. 1990ގެ އަހަރުތަކުގައި ރަޝިއާ ނޭޓޯގައި ބައިވެރިވާން އެދުމުން އެމެރިކާއާއި އިނގިރޭސިވިލާތްވަނީ އެކަމާ ދެކޮޅު ހަދާފައެވެ. މިކަމުގެ ބޭނުމަކީ ނޭޓޯ ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކޮށްގެން ރަޝިއާ އަސްކަރީގޮތުން ހިސާރުކޮށް ރަޝިއާ ބަލިކަށިކޮށްލުންކަމަށް ރަޝިއާ ދެކެއެވެ.