ފިލްމީ ދާއިރާގައި އުޅެން ކޮންމެހެން ރީތި ސިފައެއް ބޭނުމެއް ނުވޭ: ހުމާ

ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް ކޮންމެހެން ރީތި ސިފައެއް ހުންނަން ނުޖެހޭކަމަށް ބަތަލާ ހުމާ ގުރައިޝީ ބުނެފިއެވެ. މިމަހުގެ ހަތްވަނަ ދުވަހު ރިލީޒްވި ހުމާގެ ފިލްމު "ތަރުލާ"އާ ބެހޭގޮތުން ވާހަކަ ދައްކަމުން ބަތަލާ ބުނީ، ފިލްމީ ދާއިރާއަށް ވަކި ސިފައެއް ނޫނީ ވަކި ކުލައެއްގެ މީހުން ބޭނުންނުވާކަމަށެވެ.

ވަރަށް ތަފާތު ޖޯންރާތަކުގެ ފިލްމުތަކުން ފެނިފައިވާ ބަތަލާއަކީ، ބަރުދަން އިތުރުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑިކިޔުންތައް އަމާޒުވެފައިވާ ބޮލީވުޑްގެ ބަތަލާއިންގެތެރެއިން އެކަކެވެ. އެހެންނަމަވެސް އާއްމުންގެ އެފަދަ ފާޑުކިޔުންތަކާއެކުވެސް ހުމާގެ ފިލްމީ ކެރިއަރަށް އޭގެ އެއްވެސްކަހަލަ ނޭދެވޭ އަސަރެއް ނުކުރާކަމަށް ބަތަލާވަނީ ބުނެފައެވެ.

ފިލްމީ ތަރިއަކަށްވުމުން ވަކިގޮތަކަށް ހަށިގަނޑު ބަހައްޓަން ޢާއްމުންގެ ބައެއް ފަރާތްތަކުން ޑިމާންޑުކުރޭތޯ ސުވާލުކުރުމުން ހުމާ ބުނީ، އެއީ އަބަދުވެސް ފިލްމީ ތަރިންނަށް އަންނަ ޕްރެޝާއެއްކަމަށެވެ. ހަމައެއާއެކު ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަކީ މުހިއްމުކަމެއްކަމަށާއި އެފަދަ އާދަ ދެމެހެއްޓޭތޯ ބަތަލާ މަސައްކަތްކުރާކަމަށްވެސްވަނީ ބުނެފައެވެ. އެހެންނަމަވެސް މިއަދު ގިނަ ބަޔަކު ދެކޭގޮތުގައި ވަކިގޮތަކަށް މީހާގެ ސިފަ ހުރުމަކީ މަޖުބޫރުކަމެއްކަމަށް ދުށްނަމަވެސް އެއީ ހުމާ ޤަބޫލުކުރާގޮތެއް ނޫންކަމަށް 36 އަހަރުގެ ބަތަލާވަނީ ބުނެފައެވެ. ރީތި ސިފައަށް ދޭ އަހައްމިޔަތުކަން ލިބިފައިވާ އެކްޓިންގް ހުނަރަށާއި ކުރާ ބުރަ މަސައްކަތަށްވެސް ދިނުމަކީ މުހިއްމުކަމެއްކަމަށް ހުމާވަނީ ބުނެފައެވެ.

ހުމާ ބުނެފައިވަނީ، މިހާތަނަށް ހިންދީ ސިނަމާ ދުށް ކާމިޔާބު ގިނަ ބަތަލާއިންނަކީ ރީތިކަމަށް މަޝްހޫރު ބަތަލާއިން ނޫންކަމަށެވެ. އެފަރާތްތައްވެސް މަޝްހޫރުވެ ކާމިޔާބުވެފައިވަނީ ބުރަ މަސައްކަތާއެކު މޮޅު އެކްޓިންގް ހުނަރެއް ލިބިފައިވާތީކަމަށްވެސް ހުމާވަނީ ބުނެފައެވެ.

ފިލްމު "ބަދުލާ ޕޫރު"، "ޖޮލީ އެލްއެލްބީ" އަދި "ބެލް ބޮޓޮމް"ފަދަ ފިލްމުތައް ކުޅެފައިވާ ހުމާގެ ފިލްމު "ތަރުލާ"އަށް ކްރިޓިކުން މަސްހުނި ރިވިއުސްތަކެއް ދީފައިވާއިރު ފިލްމުވަނީ ޒީ5ގައި ޕްރިމިއާކޮށްފައެވެ. ހުމާ ދެން އެންމެ އަވަހަށް ފެންނާނީ ބަތަލާގެ ކުރިޔަށްއޮތް ފިލްމު "މަހާރާނީ"އިންނެވެ.

comment ކޮމެންޓް