ރާއްޖޭގައި ޚިދުމަތް ކުރާނަމަ، ކިޔަވަން ނެގި ލޯނުތައް މައާފުކޮށްދޭނަން: ނާޒިމް

ހއ. ދިއްދޫގައި އެމްއެންޕީ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖެއިން ބޭރުން ތައުލީމު ހާސިލްކުރުމަށް ލޯނު ނެގި ކުދިން، އެކުދިން ރާއްޖޭގައި ޚިދުމަތް ކުރާނަމަ، ކިޔެވުމަށް ނެގި ލޯނުތައް މައާފް ކުރާނޭކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި އެމްއެންޕީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދަނގެތީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ތައުލީމަކީ ހިލޭ ކުރެވޭނެ އެއްޗެއް ކަމަށެވެ.

މިގޮތުން އެންމެ ތުއްތު ކުއްޖާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު އެމްއެންޕީގެ ވެރިކަމެއްގައި ހިލޭ ދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިހާތަނަށް ލޯނު ނަގައިގެން ކިޔަވައިގެން އައި ކުދިންނަށް އަޅުގަނޑު ދޭންއޮތް އުފާވެރި ޚަބަރަކީ އެ ލޯނު ނެގި ކުދިންގެ ތެރެއިން ދިވެހިރާއްޖެއަށް ޚިދުމަތްކުރަން ބޭނުންވާ ކުދިން، ރާއްޖޭގެ ކޮންމެ ވަޒީފާއަކަށް އައިނަމަވެސް އެ ކުއްޖެއްގެ ލޯނުވެސް މައާފުކޮށްދޭނަން" ނާޒިމް ވިދާޅުވިއެވެ.

އެ ޖަލްސާގައި ނާޒިމް ވަނީ އެމްއެންޕީގެ ވެރިކަމެއްގައި ދިއްދުއަށް ކޮށްދޭނޭ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ.

ދިއްދުއަކީ އިޤްތިޞާދީ އެކިއެކި މަސައްކަތްތައް ކުރުމަށް ބޭނުންވެފައި ތިބި ބަޔަކު އުޅެމުން އަންނަ ރަށެކެވެ. ދިއްދޫއަށް ހައްޤުވާ މިންވަރު އެރަށަށް ނުލިބޭކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، އަދިވެސް ފެންނަމުންދަނީ މީގެ އަހަރެއްހާ ދުވަސްކުރިން އެރަށަށް ކުރި ދަތުރުގައިވެސް ފެންނަމުންދިޔަ މަންޒަރުތައްކަމަށެވެ.

ހއ.ދިއްދޫގައި އެމްއެންޕީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ވާހަކަދައްކަވަނީ--- ފޮޓޯ/އެމްއެންޕީ

ދިއްދޫގެ އިޤްތިޞާދު ސަރުކާރުން ހަލާކު ކޮށްލާފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ދިއްދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅައި ވަސީލަތްތަކާއެކު ފުރިހަމަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުން ދޭނޭކަމަށެވެ.

ހޮސްޕިޓަލެއްގެ އިތުރުން އެމްއެންޕީގެ ވެރިކަމެއްގައި ދިއްދޫގައި އެއާޕޯޓެއްވެސް އަޅާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ބަހުގެ ޚިދުމަތާއި ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ދިއްދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ގެރަންޓީދީގެން ކުޑަ އިންޓަރަސްޓް ރޭޓެއްގައި ހައުސިން ލޯނު ލިބޭނޭ އިންތިޒާމު ހަމަޖައްސައިދޭނޭކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ދިއްދޫގައި 200 ހައުސިން ޔުނިޓްއަޅައި އެތަންތައް ބޭނުންވެފައި ތިބި މީހުންނަށް ދެވޭނޭކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް