ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

އަދީބު ބޭރަށް ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން މިއަދު ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ފުރުސަތު ދިނުމަށް ކަމަށް އެ ސާވިސްއިން ބުނެފައިވެއެވެ.

މި ކަމާ ގުޅިގެން އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ން ބުނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ޑޮކްޓަރުންގެ ލަފަޔަށް ފަހު ކަމަށެވެ.

އަދީބަށް ފަރުވާ ދެމުން އަންނަ ބަލީގެ އަސަރުތައް އަދީބުގެ ހަށިގަނޑުން ފެނުނު ކަމަށް ބެލެވިފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އަދީބު ބަންދުގައި ބެހެެއްޓި މުއްދަތުގެ ތެރޭގައި ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

އެމްޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އިންސާފުވެރިކަމާ އެކު އެކަން ފަހި ކޮށްދެއްވާފައި ވާކަން ފާހަގަކޮށް، އެ ޕާޓީން ބުނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ބޭސް ފަރުވާ ހޯދުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން ވަނީ 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހެއްގައެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އަދީބާއި ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެމަނިކުފާނަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް އިއްވި އިރު ވެސް އަދީބު ހުންނެވީ ގޭ ބަންދުގައެވެ. އޭއީ، އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަނުން އޭރު ވަނީ ބުނެފައެވެ.

އެ މަނިކުފާނު ސިންގަޕޫރަށް ދަތުރު ކުރައްވަމުން ގެންދަވަނީ ކަރެކްޝަންސް އާއި ފުލުހުންހެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް