އެއް ލައްކަ ރުފިޔާގެ ޕަބްޖީ މުބާރާތެއް އުރީދޫން ފަށަނީ

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް ޕޯސްޓަރ

އަގުހުރި ފައިސާގެ އިނާމާ އެކު "އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް" މި ހިނގާ ޖުލައި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.

އުރީދޫން ބުނީ އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މުބާރާތަކީ ގޭމު ކުޅޭ މުޖުތަމައުގައި ޕަބްޖީގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއް ތަނަކަށް ގެނެސް ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ

އުރީދޫން ބުނީ، މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ގެ ކާމިޔާބީއަށް ފަހު ޖުމްލަ 16 ޓީމް އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަ ކުރުމުގެ ފުރުސަތު ހޯދާފައިވާކަމަށެވެ.

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ މެޗުތައް ބެހިފައި ވަނީ ދެ ދުވަހަކަށެވެ.

އުރީދޫން ބުނީ ފުރަތަމަ ދުވަހު ވާޗުއަލް މެޗުތަކާއި ދެވަނަ ދުވަހު ރެހެންދި ސްކޫލް ހޯލުގައި ލައިވް މެޗްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތަކަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ރެހެނދީ ސްކޫލް ހޯލްގައެވެ. މުބާރާތުގެ ފައިސާގެ އިނާމު ދިނުމަށް ހަމަ ޖެހިފައި ވަނީ އެންމެ މޮޅު ތިން ޓީމަށެވެ.

ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވަނީ:

  • 1 ވަނައަށް ދާ ޓީމަށް 50،000 ރުފިޔާ
  • 2 ވަނައަށް ދާ ޓީމަށް 30،000 ރުފިޔާ
  • 3 ވަނައަށް ދާ ޓީމަށް 15،000 ރުފިޔާ
  • އެމްވީޕީ (އެންމެ މޮޅު ކުޅުންތެރިޔާ): 5،000 ރުފިޔާ

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕާއި ޓީމް އަޕްޑޭޓްތަކާއި ޝެޑިއުލްތަކާއި އެ ނޫން ވެސް އެހެނިހެން ކަންކަމުގައި މައުލޫމާތު އުރީދޫ ވެބްސައިޓް އަދި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބިވަޑައިގަންނަވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް