އޭބީޔޫގެ މެމްބަރަކަށް ވުމަށް ސަން ސިޔާމް މީޑިއާއިން މަޝްވަރާކޮށްފި

އޭބީޔޫގެ މެމްބަރަކަށްވުމަށް ސަން ސިޔާމް މީޑިއާގެ ވެރިން ބައިވެރިވެލެއްވި މަޝްވަރާގެ ތެރެއިން -- ސަން ފޮޓޯ

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިން ޖަމިއްޔާކަމަށްވާ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ މެމްބަރަކަށް ސަން ސިޔާމް މީޑިއާވުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރެވުނީ މެލޭޝިއާގެ ކުޗިންގައި މިހާރު ހިނގާ ގްލޯބަލް ނިއުސް ފޯރަމްގެ ހަވާސާގައެވެ.

އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަދީމާ، ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހީމް ޚަލީލާއި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުޙައްމަދު އާސިފް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވަނީ ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިން ޖަމިއްޔާގެ މެމްބަރަކަށްވުމަށް މަޝްވަރާކޮށްފައެވެ. އަދި އޭޝިއާ ވިޝަން ނިއުސް ގްރޫޕުގައި ސަން ސިޔާމް މީޑިއާއިން ބައިވެރިވުމަށް މިއަދުވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަދީމް ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ފަހުކޮޅު އެ ޖަމިއްޔާގެ އެޑްމިނިސްޓްރޭޓިވް ކައުންސިލުން ބާއްވާ ބައްދަލުވުމަށްފަހު ސަން ސިޔާމް މީޑިއާ، އޭބީޔޫގެ މެމްބަރެއްކަމުގައި އަދި ނިއުސް ގްރޫޕުގައި ހިމެނުމަށް ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"ނިއުސް ގްރޫޕުގައި ބައިވެރިވެ، އޭޝިއާ ވިޝަންގެ މެމްބަރަކަށް ވުމުން ސަން ސިޔާމް މީޑިއާގެ އުފެއްދުންތައް މެމްބަރު އެހެން ގައުމުތަކަށް ހިއްސާކުރުމުގެ، ނޫނީ މެމްބަރު އެހެން ގައުމުތަކުގެ ބްރޯޑްކާސްޓަރުންނާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދޭ،" ބައްދަލުވުމާ ގުޅޭގޮތުން ސީއޯއޯ އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު އެހެން ގައުމުތަކުގެ ބްރޯޑްކާސްޓަރުންގެ އުފެއްދުންތައް ސަން ސިޔާމް މީޑިއާގައި ބޭނުންކުރުމާއި ބްރޯޑްކާސްޓުކުރުމުގެ ހައްގު ވެސް ލިބޭނެކަމަށް އާސިފް ވިދާޅުވިއެވެ.

އޭބީޔޫއަކީ 1964ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެމްބަރުންނަށް ވުމުގެ ފުރުސަތު އޮންނާނީ، ގައުމީ ފެންވަރުގައި ނުވަތަ މުޅި ގައުމަށް ބްރޯޑްކާސްޓިންގެ ޚިދުމަތްދޭ މީޑިއާތަކަށެވެ.

ކޮންމެ ގައުމަކުން ވެސް ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެވޭނީ ދެ މީޑިއާއަކަށެވެ.

އޭބީޔޫގެ އެޑްމިނިސްޓްރޭޓިވް ކައުންސިލަކީ ފުރިހަމަ މެމްބަރު ގައުމުތަކުގެ ތެރެއިން ހޮވައިލެވޭ 17 މެމްބަރުންގެ މައްޗަށް ހިމެނޭ ކައުންސިލެކެވެ. މި ކައުންސިލަށް މެމްބަރުން ހޮވަނީ ތިން އަހަރުގެ ދައުރަކަށެވެ.

comment ކޮމެންޓް