ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ލަފާފުޅަށް، އެ ޕާޓީ ހިމެނޭ ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މިއަދު ބައްދަލުކޮށްފިއެވެ.
ޕީޕީއެމްގެ ފަރާތުން ގާސީމާ ބައްދަލުކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.
ޖޭޕީގެ ފަރާތުން އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގެ ފޮޓޯތައް އެ ޕާޓީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
އެ ބައްދަލުވުން ބާއްވާފައި ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކަމަށް ބުނުން ފިޔަވައި، އެ މަޝްވަރާތަކާ ބެހޭ އިތުރު ތަފުސީލެއް އެ ޕާޓީން ނުދެއެވެ.
އެ ކޯލިޝަނުން މިހާރު ދަނީ، އެމްޑީޕީގެ ވެރިކަން ނިންމަން ކަމަށް ބުނެ ދަ ޑިމޮކްރެޓްސް ޕާޓީއާ އެކު އިއްތިހާދުވެގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ނޫން ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެ ކަމަށް އެ ކޯލިޝަނުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ދަ ޑިމްކޮރެޓްސްއަށް ސޮއިކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، އެ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވައި އެ މަނިކުފާނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ދައުވަތު އަރުވާފައެވެ.
ނަޝީދަށް ތާއިދުކުރައްވާ ފަރާތްތަކުން މީގެ ކުރިން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާތަކެއް ބޭއްވިއެވެ. ނަމަވެސް އެ ޕާޓީން ވަނީ ކޯލިޝަނެއް ހަދާނީ ޖުމްހޫރީ ޕާޓީ އިސްކޮށް އޮންނަ ގޮތަށް އެކަނި ކަމަށް ބުނެފައެވެ. އަދި، ޕާޓީގެ ރިޔާސީ ޓިކެޓް ވަނީ ގާސިމާ ހަވާލުކޮށްފައެވެ.