ވިލްނިޔަސް (11 ޖުލައި 2023): ނޭޓޯގެ މެންބަރު ކަމަށް އެދި ސްވިޑްންއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތުރުކީ ކުރިމަތިކުރި ހުރަސްތައް ނައްތާލަން ރައީސް ރަޖަބު ތައްޔިބު އެރުދުޣާން އުސޫލެއްގެ ގޮތުން އެއްބަސްވެވަޑައިގެންފި ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ވިދާޅުވެއްޖެއެވެ.
ސްޓޯލެންބާގް ވިދާޅުވިގޮތުގައި އެރުދުޣާން އެއްބަސްވެވަޑައިގަތީ ސްވިޑްންއަށް ރުހުން ދިނުމުގެ މައްސަލަ މިއަހަރުގެ ފަހުކޮޅު ތުރުކީގެ ޕާލަމެންޓަށް ހުށަހަޅައި ޕާލަމެންޓުން ރުހުން ދީފިނަމަ އެކަންކޮށްދިނުމަށެވެ. ނޭޓޯގެ ސަމިޓް ލިޓުއޭނިއާގެ ވިލްނިޔަސްގައި އިއްޔެ ފަށާފައިވާއިރު ސަމިޓްގެ ކުރިން ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަޝޮން އާއި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ސްޓޯލެންބާގް ވަނީ އެރުދުޣާން އާ ބައްދަލުކުރައްވާފައެވެ.
ނޭޓޯގެ މެންބަރު ކަމަށް އެދި ސްވިޑްންއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރުހުންދެވޭނީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީ ޖަމާއަތްތަކަށް ސްވިޑްންއިން ދޭ އެހީތެރިކަން ހުއްޓާލުމުންކަމަށް ވިދާޅުވެ އެރުދުޣާންވަނީ އެކަން ސްވިޑްންއަށް ޝަރުތުކޮށްފައެވެ. ސްވިޑްންއިން ކުރުދީ ޖަމާއަތްތަކަށް އެހީތެރިވުން ތުރުކީން ސިފަކުރަނީ ޓެރަރިޒަމަށް އެހީތެރިވުމުގެ ގޮތުގައެވެ.
ސްވިޑްން ބުނާގޮތުން ތުރުކީގެ މިޝަރުތު މިހާރުވާނީ ފުރިހަމަކޮށްފައެވެ. ކުރުދީ ޖަމާއަތްތަކާ ގުޅުންތައްވާނީ ކަނޑާލާފައެވެ. ނަމަވެސް ތުރުކީ ދާދިފަހުން ބުނެފައިވާގޮތުގައި ސްވިޑްންގައި އުޅޭ ކުރުދީ ހަނގުރާމަވެރިންގެ ތެރެއިން ތުރުކީއާ ހަވާލުކުރުމަށް އެދިފައިވާ މީހުން ހަވާލުކުރުމަށް ސްވިޑްންއަދިވެސްވަނީ ފަސްޖެހިފައެވެ.
މީގެއިތުރުން އެރުދުޣާންވަނީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ތުރުކީއަށް ދޭގޮތަށް ނޭޓޯގެ މެންބަރުކަން ސްވިޑަން ދިނުމަށް އެއްބަސްވެވިދާނެ ކަމަށް ވިދާޅުވެ އެދެ މައްސަލަ ގުޅުވަން މަސައްކަތް ކުރައްވާފައެވެ. އަދި އެމެރިކާގައި އުފައްދާ އެފް-16ގެ ފައިޓާޖެޓް ތުރުކީއަށް ވިއްކުމަށް އެމެރިކާ ފަސްޖެހޭ މައްސަލަވެސް މިކަމާ ގުޅުވައި އެރުދުޣާންވަނީ ވާހަކަ ދައްކަވާފައެވެ.
މި ވާހަކަތަކަށްފަހު ވައިޓް ހައުސްގެ ތަރުޖަމާނު ނެޑް ޕްރައިސް ވަނީ އެފް-16 ގެ ފައިޓާޖެޓް ތުރުކީއަށް ވިއްކުމަށް ރައީސް ޖޯބައިޑެންގެ ސަރުކާރުން މިހާރު އެއްބަސްވާކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ތުރުކީއަށް ދިނުމަށްޓަކައި އީޔޫގެ މެންބަރު ގައުމުތަކަށް އެމެރިކާ ބާރު އަޅާނެކަމަށްވެސް ވައިޓް ހައުސްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވިއެވެ.
ނޭޓޯގެ ގިނަ ގައުމުތަކަކީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރު ގައުމުތަކެވެ. އެމެރިކާއަކީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ ގާބިލްކަން އެންމެބޮޑަށް ލިބިފައިވާ ގައުމެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަކީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ގައުމުތަކެކެވެ.
ޔޫރަޕްގެ އިއްތިޙާދުގެ މެންބަރަކަށް ވުމަށްއެދި ތުރުކީ މަސައްކަތް ކުރަމުންގެންދާތާ 40 އަހަރަށްވުރެ ދިގުމުއްދަތެއްވަނީ ހޭދަވެފައެވެ. ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ލިބިއްޖެނަމަ ތުރުކީއަށް އިގްތިސާދީގޮތުންނާއި ވިޔަފާރީގެ ގޮތުން އެތަށް ފުރުސަތުތަކެއް ލިބޭނެކަމަށް ތުރުކީ ދެކެއެވެ.
ނަމަވެސް ޔޫރަޕްގެ އިއްތިޙާދުގައި ތުރުކީ ބައިވެރިކުރުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާތަނަށް ގެންދިޔައީ ފަސްޖެހެމުންނެވެ. އަދި ޔޫރަޕްގެ އިއްތިޙާދުންވަނީ ސްވިޑްން ނޭޓޯއަށް ވެއްދުމާއި ތުރުކީ ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިކުރުމުގެ މައްސަލައަކީ ވަކި ދެމައްސަލަ ކަމަށް ބުނެ މިދެކަން ގުޅުވުމަށް ދެކޮޅު ހަދާފައެވެ.
ނޭޓޯގެ މެންބަރު ކަމަށް އެދި ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތުރުކީ ކުރިމަތިކުރި ހުރަސްތައް ނައްތާލަން އެރުދުޣާން އެއްބަސްވެވަޑައިގަތުމުގެ ފަހަތުގައި ބޮޑުކަމެއް ވާނެކަމަށްވަނީ ބެލެވިފައެވެ. އެއީ އެރުދުޣާންއަކީ ތުރުކީއަށް ފައިދާވާނެ ގޮތަކަށް ނޫނީ އެއްވެސް ކަމެއްގައި ދޫ ދެއްވާ ބޭފުޅަކަށް ނުވާތީއެވެ.
މިއަހަރުގެ ފަހުކޮޅާ ހަމައަށްދާއިރު ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ތުރުކީއަށް ނުދީފިނަމަ ނުވަތަ އެމެރިކާގައި އުފައްދާ އެފް-16 ގެ ފައިޓާޖެޓް ތުރުކީއަށް ނުވިއްކާނަމަ ސްވިޑްން ނޭޓޯއަށް ވެއްދުމަށް އަލުން ހުރަސްއެޅުމަކީ އެެރުދުޣާން އަށް ތުރުކީގެ ޕާލަމެންޓްގެ ތެރެއިން އަދިވެސް ކުރެވިދާނެކަމެކެވެ. އެއީ ތުރުކީގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ކޮންޓްރޯލް ކުރަނީ އެރުދުޣާންގެ ކޯލިޝަނުން ކަމަށްވާތީއެވެ.