ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ، ފުރަތަމަ ހިއްކަނީ އިހަވަންދޫ ބިން

ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ، ފުރަތަމަ ހިއްކަނީ އިހަވަންދޫ ބިން --- ސަން ފޮޓޯ

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް އެމްޓީސީސީ އިން ގެންނަ ޑްރެޖަރު ރާއްޖެ އަތުވެއްޖެއެވެ.

ދުވާލަކަށް ހެކްޓަރެއް ހިއްކޭ އެ ޑްރެޖަރު ރާއްޖެ އައިސްފައިވަނީ ރޭގައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ސަން"އަށް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިއަދުންމިއަދަށް ފެށޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހިއްކާނީ ހއ. އިހަވަންދޫގެ ބިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޑްރެޖަރު މިހާރު އޮތީ އިހަވަންދޫ ކައިރީގައެވެ.

ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ، ފުރަތަމަ ހިއްކަނީ އިހަވަންދޫ ބިން --- ސަން ފޮޓޯ

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިހަވަންދޫން ހިއްކަނީ 25 ހެކްޓަރުގެ ބިމެވެ. މިއީ އަހަރެއްގެ ތެރޭގައި ނިންމާ ގޮތަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމްޓީސީސީއާ ހަވާލުކުރި 123.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ނަމަވެސް އެ މަސައްކަތް ފުރަތަމަ ކުރަމުން ދިޔަ ޑްރެޖަރު ހަލާކުވުމުން މިއަދާ ހަމައަށް ބިން ހިއްކުމުގެ މަޝްރޫއު އޮތީ ހުއްޓިފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު "ސަން"އަށް ވިދާޅުވީ އިހަވަންދޫއަކީ ޒަަމާނުއްސުރެ ބިމުގެ ދަތިކަން އޮތް ރަށެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެއްގެ ގޮތުގައި ބިން ބޮޑުކުރާނެ ކަމަށް ވިދާޅުވުން އެއީ އިހަވަންދޫގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިހަވަންދޫގެ ރައްޔިތުން މިއަދު ތިބީ ވަރަށް އުފަލުން. ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެއްގައި ރައްޔިތުން ދިރިއުޅުމަށް ބޭނުންވާނެ ބިމާ އަދި ރައްޔިތުންނަށް ބޭނުންވާނެ ވަޒީފާ އުފެއްދުމަށް ކުރަން ޖެހޭނެ ސިނާއީ މަސައްކަތްތައް ކުރާނެ ބިމެއް ނެތި ރައްޔިތުން އެ ފިކުރުގައި ތިބޭތާ އެތައް ޒަމާނެއް ވެއްޖެ،" ޝިފާއު ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ތިން ބައި ކުޅަ އެއްބައި މިހާރު ނިމިފައިވާއިރު ޝިފާއު ވިދާޅުވީ އިހަވަންދުއަށް ބިން ހިއްކުމަށް ވުރެން މުހިންމު އެހެންކަމެއް ނެތް ކަމަށެވެ. އަދި އައު ޑްރެޖަރު ގެނެސް އެންމެ ފުރަތަމަ ބިން ހިއްކާ ރަށެއްގެ ގޮތުގައި އިހަވަންދޫ ކަނޑައެޅުމަކީ މި ސަރުކާރުން އިހަވަންދުއަށް ދޭ ސަމާލުކަން ހާމަވާ ކަމެއް ކަމުގައި ރައްޔިތުން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ، ފުރަތަމަ ހިއްކަނީ އިހަވަންދޫ ބިން --- ސަން ފޮޓޯ

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިކޭނީ ތިން ދުވަހުން ހެކްޓަރެކެވެ. ނަމަވެސް މި ގެނައި ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިކޭނެއެވެ.

އާ ޑްރެޖަރުން ފުރަތަމަ ނުވަ ރަށެއް ހިއްކާނެއެވެ. އެއީ، ހއ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ.

comment ކޮމެންޓް