ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން ރައީސްމީކޮށް އިއުލާން ކޮށްފިއެވެ.
ސަޓާ އެވޯޑަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތެކެވެ. މި އަހަރަކީ މި އެވޯޑް ބާއްވާ ހަތްވަނަ އަހަރެވެ.
ސަޓާ އެވޯޑުގެ ޕާޓްނަރުން ކަނޑައަޅާފައި ވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ ގޮތުގެ މައްޗަށެވެ. މިގޮތުން މި ފަހަރުގެ ސާޓާ އެވޯޑުގެ ޕްލެޓިނަމް ޕާޓްނަރަކީ، ލަގްޒަރީ ޔޮޓް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ މަޝްހޫރު ގަލްފް ކްރާފްޓެވެ.

ސަޓާ އެވޯޑްގެ ޕާޓްނަރުން ކަނޑައަޅައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ހައިރައިޒް
ސަޓާ އެވޯޑުގެ ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އޮޑިޓިން ޕާޓްނަރަކަށް ކްރޯ މޯލްޑިވްސް އަދި ހޮސްޕިޓާލިޓީ ޕާޓްނަރަކީ މާގިރި ހޮޓަލެވެ.
ސަޓާ އެވޯޑު ޕާޓުނަރުން އައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސަޓާގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ މި ފަހަރުގެ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ކަމަށެވެ. އިސްމާއީލް ވިދާޅުވީ އެވޯޑު ދިނުމުގެ ހަފުލާގައި، ސައުތު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ އިންޑަސްޓްރީގެ އިސްވެރިންނާއި، ސްޓޭކް ހޯލްޑަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަޓާ އެވޯޑްގެ ޕާޓްނަރުން ކަނޑައަޅައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ހައިރައިޒް
ސަޓާއަށް ހަތް އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތެކެވެ.

ސަޓާ އެވޯޑްގެ ޕާޓްނަރުން ކަނޑައަޅައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މާހިލް އާތިފް
މި އެވޯޑު ހަފްލާގައި އެވޯޑުތައް ކަނޑައެޅިގެންދަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުންނެވެ. ސަޓާ އެވޯޑު ހަފްލާގައި 52 ކެޓަގަރީއަކުން އެވޯޑުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.