އިންތިޚާބަށް ނުކުމެ މި ތިބީ ފިތުނަ އުފައްދަން ތިބި މީހުން ބަލިކޮށްފަ: ޝާހިދު

ރިޔާސީ ކެމްޕެއިން ފެށުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހާއި ޝާހިދު -- ފޮޓޯ/ އެމްޑީޕީ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރަނީ ގައުމުގައި ފިތުނަ އުފައްދަން ނުކުމެ އުޅޭ މީހުން ބަލިކޮށްފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ގައުމުގެ ހަލާކަށް ބަޔަކު މަސައްކަތް ކުރާކަމަށާއި އެފަދަ މީހުންގެ ބޭނުމަކީ ގައުމުގައި ބިރުވެރިކަން އުފެއްދުން ކަމަށެވެ.

"އެމީހުންގެ މުޅި ބޭނުމަކީ ބިރުވެރިކަން އުފެއްދުން. ނާމާން ރާއްޖެއަކަށް މި ރާއްޖެ ބަދަލުކޮށްލުން. އަޅުގަނޑުމެންގެ ޒުވާން ޖީލު ހަލާކުކޮށްލުން. މަސްތުގެ ވަބާގައި ޖެއްސުން. ފުނޑުފުނޑު ކޮށްލުން،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ބަޔަކު ފަތުރަން މަސައްކަތްކުރާ ފިތުނަ މިއަދު ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި ރިޔާސީ ރޭހުގައި ވާދަކުރައްވަން ބޭނުންފުޅުވާ ނަމަ ވަރަށް ހަރުދަނާ ސިޔާސަތެއް ހިއްޕަވައިގެން ނުކުންނަވަން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، 2013 ވަނަ އަހަރު ރާއްޖޭގައި ގާއިމްވި އަނިޔާވެރި ވެރިކަމުގައި ކަންކަން ހިނގި މަގަށް ދާން ދިވެހި ރައްޔިތުން ދެން ބޭނުންނުވާ ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކަށެވެ.

"އަޅުގަނޑުމެން ތަޖުރިބާކޮށްފަ މިދިޔަ އަނިޔާވެރި 2013 ވަނަ އަހަރު ދިވެހި ރާއްޖޭގަ އުފެދުނު އަނިޔާވެރި ވެރިކަމުގެ ވާހަކަ. ދިވެހި ރާއްޖެ ޚަރާބުގެ މަގަށް އޭރުގެ ރައީސް ރާއްޖެ ފުރޮޅާލެއްވި ގޮތް ހަނދާން ކުރަންވީ. އެ މަގަކަށް ދެން ދިވެހި ރައްޔިތުން ދާކަށް ބޭނުމެއް ނެތް،" ޝާހިދު ވިދާޅުވިއެވެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި ތަރައްގީގެ އެތަކެއް މަޝްރޫއުތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު މިސްރާބު ޖަހާފައި މިވަނީ އުފާވެރި އަމާން ރާއްޖެއަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިސްރާބު ޖަހާފައި މި ވަނީ ފުރިހަމަ އަމާން ރާއްޖެއަކަށް، އުފާވެރި އަމާން ރާއްޖެއަކަށް. ﷲގެ ހެޔޮ ރަހުމަތްފުޅާއެކު އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަނެއްކާ ވެސް ކުރައްވައިގެން،" ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް