ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރަން ނިންމެވި ނިންމެވުމާ އެކު ގިނަ ބަޔަކު އެ މަނިކުފާނު އެކަން ކުރެއްވި ސަބަބާމެދު ސުވާލު އުފައްދަމުން އައި ކަމަށް ވިދާޅުވެ، ރައީސަށް ތާއީދުކުރައްވަން ނިންމެވި ސަބަބުތައް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ހާމަ ކުރައްވައިފިއެވެ.
ރަސްމީކޮށް ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. ފޯކައިދޫގައި މިރޭ ރައީސްގެ ކެމްޕޭން ޓީމުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް އެންމެ ފުރަތަމަ ސަބަބެއްގެ ގޮތުގައި ނެންގެވީ ފަސް އަހަރުގެ މުއްދަތަކަށް ކާމިޔާބު ކޯލިޝަނެއް ރައީސް ނޫން އެހެން ލީޑަރަކަށް ދެމެހެއްޓިފައި ނެތުމެވެ.
އެ މަނިކުފާނު ވިދާޅުވީ މީގެ ވިއްސަކަށް އަހަރު ކުރިން އެ މަނިކުފާނު ސިޔާސީ މައިދާނަށް ނުކުންނެވިއިރު ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން ހުރިހާ ވެރިކަމެއް ފެނިލެއްވި ކަމަށެވެ.
ހަމައެއާ އެކު ކޯލިޝަނެއް ދެމިއޮތުމާއި ނެތިދިއުމުގެ ސަބަބުތައް ވެސް ވަރަށް ރަނގަޅަށް އެނގިލައްވައި ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ވައުދުވެ ވައުދު ފުއްދޭނީ ވެރިކަމެއް ފަސް އަހަރު ކުރެވިގެން. އަދި ކޯލިޝަނެއް އޭގެ އެންމެ ރަނގަޅު ގޮތުގައި ދެމިގެން. އަޅުގަނޑު މިހާ ހިސާބަށް ދެކުނު، ކޯލިޝަނެއް ފަސް އަހަރުވަންދެން ފުރިހަމަކަމާ އެކު މައްސަލައެއް ނެތި ހިންގެވި ރައީސަކަށް އަޅުގަނޑަށް ފެނުނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު،" ސިޔާމް ވިދާޅުވިއެވެ.
އޭގެ އިތުރަށް ސިޔާމް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި ދިވެހީންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ މިންވަރު ކުޑަވާނެހެން ނިންމެވި ވިސްނުންތެރި ނިންމެވުންތަކަކީ ވެސް ރައީސަށް ތާއީދުކުރަން ނިންމެވި ސަބަބެއްކަމަށެވެ.
"ފުރަތަމައި ނޫން އެ ކަންތައް [ކޮވިޑު] ދިމާވީމާ ޓޫރިޒަމް އިންޑަސްޓްރީގައި ތިބި އެންމެ ބޮޑެތި މީހުން އެއް މޭޒަކަށް ރައީސް ގެންނެވި. ގެންގޮސް ދެންނެވި ކިހިނެއްތޯއޭ ތިމަންމަނިކުފާނު މި ކަން ކުރާނީ،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައީސް ނިންމަވައި ކޮންމެ ނިންމެވުމެއް ނިންމަވަނީ މަޝްވަރާއަށް ފަހު ކަމަށެވެ. އެއީ، ރައްޔިތުންނަށް އޭގެ ހެޔޮ އަސަރުކޮށް ގައުމުގެ އިގްތިޞާދު ކޮޅަށްހުރި ސަބަބުކަމަށް ސިޔާމް ވިދާޅުވިއެވެ.
އެމްޑީއޭއަކީ ރައީސާއެކު ކޯލިޝަން ހަދަން އެންމެ ފުރަތަމަ ނިންމި ޕާޓީތަކުގެ ތެރެއިން އެއް ޕާޓީއެވެ. އެ ނިންމުން ނިންމީ އެމްޑީއޭގެ ކައުންސިލްގެ ފުރިހަމަ ތާއީީދާ އެކުގައެވެ.