ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޯލިޝަނަކާ އެކު ދައުރެއް ނިންމައި ރިޔާސީ އިންތިޚާބަށް ނުކުންނެވި، ރައީސަކީ އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް އަދާލަތު ޕާޓީގެ ރައީސް، ޝެއިޙް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫގައި ރައީސް ޞާލިޙްގެ ކެމްޕެއިން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މި ސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ، ކޯލިޝަނަކީ ދައުރެއް ނިމެންދެން ދެމެހެއްޓޭނެ އެއްޗެއްކަން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައީސް ޞާލިޙް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ ކޯލިޝަނެއް ދެމި އޮންނަނީ އޭގައި މުހިއްމު ސިފަތަކެއް ހުރެގެން ކަމަށާއި ކޯލިޝަނުގެ ބައިވެރިން އެއް ބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރާ ބަޔަކަށްވާން ޖެހެއެވެ. އަދި ކޯލިޝަނުގެ ބައިވެރިންނަކީ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކާއި މަޝްވަރާކުރެވޭ ބަޔަކު ކަމުގައި ވާންޖެހޭ ކަމަށާއި، ތަހައްމަލު ކުރުމުގެ ޤާބިލިއްޔަތުކަން ވެސް ހުންނަ ބަޔަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކޯލިޝަނުގެ ބައިވެރިންގެ އެންމެ މުހިއްމު އެއް ސިފައަކީ އެންމެންގެ ތަފާތުތައް ނައްތާލައި ގައުމީ މަސްލަހަތު އިސްކޮށްގެން ގައުމައިގެން ކުރިއަށްދިއުމުގެ މަޝްވަރާ އާއި އުފެއް ދުންތައް އިސްކުރުން. ރައީސް ޞާލިޙް ވަނީ އެކަން ކިތަންމެ ރަނގަޅަކަށްވެސް ދައްކަވާފަ،" އިމްރާން ވިދާޅުވިއެވެ.
ކޯލިޝަނުން ވަކިވެދިޔަ ސިޔާސީ ބޭފުޅުންނަށް އަމާޒުކުރައްވައި ވާހަކަދައްކަވަމުން އިމްރާނު ވިދާޅުވީ، އަދުގެ ސަރުކާރުގެ ކޯލިޝަން ހަޔާތުގެ މިހާހިސާބަށް އައިއިރު، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހުނުކަމަށެވެ.
ވޭތުވެދިޔަ ދުވަސްކޮޅުގައި ކޮންމެވެސް ވަރެއްގެ "ފަންޏެއް އަޅައިގެން ހިތިފަތް ޖަހައިގެން ފަރުވާދެވިފައިވާ"ކަމީ ހިތާމަހުރިކަމެއްކަމަށާއި، އެއްކޮށް ބަލި ފަސޭހަވެ ރަނގަޅުވެގެން ދާއިރު އެންމެ ލަކުނެއްވެސް ނުހުންނާނެކަމަށް މި ޖަލްސާގައި އިމްރާން ވިދާޅުވިއެވެ.
ކުރިއަށް ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ރައީސް އަދާލަތު ޕާޓީއަށް ފޮނުއްވި ދައުވަތު ގަބޫލުކޮށް، އެ ޕާޓީން އެކަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ.