މުޅި ދުވަހު އެނދުގައި އޮތުމަށް ޓިކްޓޮކް ޓްރެންޑެއް

ވަރުބަލި ދުވަހަކަށް ފަހު ގެއަށް ދެވުމުން މުޅި ވަގުތު އެނދުގައި ހޭދަކޮށްލަން ބޭނުންވުމަކީ ވަރަށް ގިނަ މީހުންނަށް ކުރެވޭ އިހުސާސެކެވެ. ބައެއް ފަހަރަށް މިއީ ގެންގުޅެވޭ އާދައެއް ވެސްމެއެވެ. ނަމަވެސް މިހާރު ޓްރެންޑު ވަމުން އަންނަނީ މުޅި ދުވަހު އެނދުގައި އޮވެ އެއްކަމެއް ވެސް ނުކޮށް މުޅި ދުވަސް ހޭދަ ކުރުމަށެވެ.

ޓިކްޓޮކްގައި މިހާރު މަގުބޫލުވަމުން އަންނަ މި ޓްރެންޑަށް ކިޔަނީ "ބެޑް ރޮޓިން" އެވެ. މިއީ މުޅި ދުވަހު އެނދުން ގުޑައި ނުލައި ކާން ވީމައި ވެސް އެނދުގައި އޮވެ ކައި ބޮއެ ހެދުމަށް ބާރުއަޅާ ޓްރެންޑެކެވެ.

އާންމުކޮށް ގިނަ ފަހަރަށް ބަންދު ދުވަހެއް ލިބުމުން ގިނަ ބަޔަކު ބޭނުން ވަނީ މިގޮތަށް ކަންތައް ކުރާށެވެ. މުޅި ދުވަހު ރެސްޓު ކުރުމުގައި ވަގުތު ހޭދަ ކުރި ނަމަވެސް ކޮންމެވެސް ވަރަކަށް ތެދުވެ ހަރަކާތްތެރިވުމަށް ވަގުތު ކޮޅެއް ހޭދަ ކުރުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. ނަމަވެސް އެއިން ކަމެއް ނުކުރާނަމަ އެއީ މީހާގެ ސިއްހަތަށް މާ ރަނގަޅު ކަމަކަށް ނުވެދާނެއެވެ.

މުޅި ދުވަހު މިގޮތަށް އޮތުމުގެ ސަބަބުން މިކަމަށް އާދަވާން ފަށައި އެކި ކަހަލަ ގެއްލުންތައް ކުރިމަތިވުމަށް މެދުވެރިވެދާނެއެވެ. އޭގެތެރޭގައި ނަފްސާނީ ބައެއް މައްސަލަތައް ވެސް ހުރެދާނެއެވެ. ގިނަ ފަހަރަށް އެއްވެސް ކަމެއް ކުރާހިތް ނުވެ މުޅި ދުވަސް މިގޮތަށް ހޭދަކުރުން އާންމު ކަމަކަށް ވާނަމަ އޭގެ ފަހަތުގައި ނަފްސާނީ މައްސަލަައެއް ހުރެދާނެއެވެ. މިއީ ނަފްސާނީ ބައްޔެއްގެ ސަބަބުން ވެދާނެ ކަމަކަށް ވެސް ވުން އެކަށީގެންވެއެވެ.

ބެޑް ރޮޓިންގެ ސަބަބުން މީހާގެ ހަޔާތުގެ ކަންތައްތައް ހަނދާން ނައްތާލުމަށް މަގުފަހިވެދާނެއެވެ. މިއީ "ކޯޕިން މެކޭނިޒަމް" އަކަށް ވުން އެކަށީގެންވެއެވެ. އެހެން ކަމަށް ވާނަމަ ތެރަޕިސްޓަކާ ވާހަކަ ދެއްކުން ވަރަށް މުހިއްމެވެ. އަދި މުޅި ދުވަހު އެނދުގައި "ކޯޕިން މެކޭނިޒަމް" އެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ކުރެވިދާނެ ކަންތައްތައް ހޯދުމަށް ތެރަޕިސްޓުގެ ގާތުން އެހީތެރިކަން ހޯދިދާނެއެވެ.

comment ކޮމެންޓް