ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްގެ އޭޓީއޭމެއް ބަހައްޓަނީ

ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރެއް--- ސަން ފޮޓޯ

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމެއް ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓުގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އޭޓީއެމެއް ނެތުމުގެ ކަންބޮޑުވުމަކީ، އެ ތަނުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެކެވެ. ބީއެމްއެލުން މިއަދު ވަނީ ފޭސް ދޭއްގެ ވިނަރެސް ފްލެޓްގައި އެ ބޭންކްގެ އޭޓީއެމެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައެވެ.

ވިނަރެސް ފްލެޓުގައި ބީއެމްއެލްގެ އޭޓީއެމެއް ބެހެއްޓުމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ، ޖުލައި މަހުގެ 12 ވަނަ ދުވަހުގެ 11 ޖަހާއިރު އެ ބޭންކުގެ ހެޑް އޮފީހުގައެވެ.

ބީއެމްއެލްގެ އޭޓީއެމެއް އެންމެ ފަހުން ވިނަރެސް ފްލެޓްގައި ބެހެއްޓުމަށް ނިންމާފައިވާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމެއް މިހާރު ވަނީ ފޭސް ދޭއްގެ ވިނަރެސް ފްލެޓުގައި ބަހައްޓާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދެއެވެ. ބީއެމްއެލްއަކީ އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކެވެ.

އަދި، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ.

comment ކޮމެންޓް