ހދ. ހަނިމާދޫ ޓޫރިޒަމް ޒޯންއިން 12 ބިމެއް ކުއްޔަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން ބުރާސްފަތި ދުވަހު އިޢުލާންކޮށްފައި ވަނީ 10،000 އަކަފޫޓުގެ ހަތަރު ބިމެއް 40 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރުމަށާއި، 5000 އަކަފޫޓުގެ އަށް ބިމެއް 30 އަހަރު ދުވަހުގެ މުއްދަތައް ދޫކުރުމަށެވެ.
ދިގު މުއްދަތަކަށް މި ބިންތައް ވިޔަފާރި އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނެއެވެ.
ބިންތައް ކުއްޔަށް ދޫކުރުމުގެ މައުލޫމާތު ސާފުކުރުން:
- 10،000 އަކަފޫޓުގެ ބިންތައް - މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި
- 5000 އަކަފޫޓުގެ ބިންތައް - މިމަހުގެ 24 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި
ބިންތައް ބިޑްކުރުމަށް ހުޅުވުން:
- 10،000 އަކަފޫޓުގެ ބިންތައް - އޯގަސްޓް މަހުގެ ތިންވަނަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމުގައި
- 5000 އަކަފޫޓުގެ ބިންތައް - އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމުގައި
މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ހަނިމާދޫ ކައުންސިލްގެ މެމްބަރު އަލީ އިބްރާހީމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ދޫކުރުމަށް ހުޅުވާލާފައިވާ ބިންތަކަކީ ރަށުގެ އުތުރުކޮޅުގައި ޤާއިމްކުރަމުން އަންނަ ސިޓީ ހޮޓަލާއި އިންވެގެން އޮންނަ ބޮޑު ޒޯނެއްކަމަށް ވިދާޅުވިއެވެ.
"ވަރަށް ބޮޑު ސަރަޙައްދެއް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި މި ޤާއިމްވެގެން ދަނީ. މި ސަރަޙައްދުގައި ފަތުރުވެރިކަމަށް ޕްރައިވެޓް ބީޗެއް ވެސް ލިބިގެންދާނެ. އެއީ ފަތުރުވެރިކަން ކުރާ ފަރާތްތަކަށް އޮންނާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނީ" ހަނިމާދޫ ކައުންސިލްގެ މެމްބަރު އަލީ އިބްރާހީމް
ސަރުކާރުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ މަޝްރޫޢުގެ މަސައްކަތް ނިމުމާއި އެކު ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ހުރަސް ކަމަށްވާ ދަތުރުފަތުރުގެ ދަތިކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލް މެމްބަރު އަލީ ވިދާޅުވިއެވެ.
އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން އަންނައިރު އަޅުގަނޑުމެން ވެސް އެބަޖެހޭ ފަތުރުވެރިކަން ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން. މިސާލަކަށް ފަތުރުވެރިކަމަށް ބޭނުންވާ އެނދާއި ކަންކަން އިތުރުކުރަން. މި ދޫކުރެވޭ ބިންތަކާއިއެކު އެ ރަށުގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެ އަދި ކައުންސިލުންވެސް ވަރަށް ބައިވަރު މަސައްކަތް ކުރަމުން މިދަނި ހަނިމާދޫ ކައުންސިލްގެ މެމްބަރު އަލީ އިބްރާހީމް
ހަނިމާދޫ ކައުންސިލުން ބުނީ މި ބިންތަކަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.