ކަކޫތާފެނަށް ފައިކުރި އޮޅައިގެން ހިނގުން މާޒީއަށް، އޯގަސްޓު މަހު ހޯރަފުށީ މަގުތައް ނިމޭނެ

ހޯރަފުށީގެ މަގުތައް އޯގަސްޓުމަހަށް ނިމޭނެ -- ފޮޓޯ: އެމްޓީސީސީ

(ހއ. ހޯރަފުށިން، ޢާލިމް އަބްދުއްލަތީފް)

ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ އޯގަސްޓު މަހު ނިމޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ރަށްތަކަށް އާޒިމް ކުރައްވަމުންގެންދަވާ ދަތުރުގައި މިއަދު ހޯރަފުށީގެ މަޝްރޫއުތައް ވަނީ ބައްލަވައިލައިފައެވެ.

އެ ރަށުގައި ހުންނަވާ، ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީީސީގެ ފަސް ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ވެސް އެ ރަށުގައި އެބަ ހިނގާ ކަމަށެވެ.

އޭގެ ތެރެއިން، އެންމެ އިސްކަމެއް ދޭ އެއް ޕްރޮޖެކްޓަކީ އެ ރަށުގެ 12 މަގެއްގައި ތާރު އެެޅުމުގެ ޕްރޮޖެކްޓުކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން 11 މަގެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު މަހެއްހާ ދުވަހުގެ ތެރޭގައި 12 ވަނަ މަގު ވެސް މުޅިން ނިންމައިލެވޭނެކަމަށް ވިދާޅުވިއެވެ.

"އެ މަސައްކަތް ވެސް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ނިންމައިލެވޭނެކަމަށް މި ފެންނަނީ. މަގުތަކުގެ ދެވަނަ ފޭސްގެ މަސައްކަތް ފެށުމަށް ވެސް އެބަހުރި އިންކުއަރީސް އައިސްފައި،" އޭނާ ވިދާޅުވިއެވެ.

ދެ ވަނަ ފިޔަވައްސާ ގުޅިގެން ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކުރަމުންދާ ކަަމަށާއި ފުރަތަމަ ފޭސް ނިމި ދެވަނަ ފޭސްއާއެކު ކުރިއަށްދާނެ ކަމަށް އުންމީދުކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހޯރަފުށީގައި ހުންނަވާ މީޑިއާއަށް އިންޓަވިއު ދެއްވަނީ --

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެ ރަށުގެ މަގުތައް އޮތް ހާލަތު މީގެ ކުރިން ފާޅުކުރަމުން އައީ ރައްޔިތުންގެ ޝުއޫރުތަކުން ކަމަށެވެ. ރައްޔިތުން އޭރު ވެސް ބުނީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ވައުދުވެވަޑައިގެންނެވި ރައީސްއަކީ އިބްރާހިމް މުހައްމަދު ޞާލިހު. އެ ވައުދު ފުއްދަވައިދެއްވި ރައީސަކީ ވެސް އިބްރާޙިމް މުހައްމަދު ޞާލިހު،" އޭނާ ވިދާޅުވިއެވެ.

ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އަޅާ އޯގަސްޓު މަހަށް ނިމޭނެ -- ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން، ކައުންސިލްގެ ރައީސް ވިދާޅުވީ މީގެ ކުރިން ރަށަށް ގެންނަ ވެހިކަލްތަކާއި ސައިކަލުތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވުމުގެ ކަންބޮޑުވުން އޮންނަކަމަށެވެ. އަދި މަގުތަކުގައި ފެންގަނޑު ބޮޑުވެގެން ކޯރުތެރޭގައި ކަކޫތާފެނަށް ފައިކުރި އޮޅައިގެން ހިނގަން ޖެހުނު ޒަމާން މާޒީވެއްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް މިއަދު ވަނީ އެ ރަށުގައި ހިނގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލައްވައިފައެވެ. އޭނާ ވިދާޅުވީ އެ ރަށު އެއާޕޯޓަށް އަރައި ފޭބުމަށް ފަސޭހަ ކުރުމަށް ޓަކައި އެއާޕޯޓްގައި ޖެޓީއެއް ހެދުމުގެ މަަަސައްކަތް ވެސް އެ ރަށުގައި ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ވެސް މި މަސް ނިމެންވާއިރަށް ނިންމައިލެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުވަނިއަލް ޖަސްޓިސް ޔުނިޓެއް ވެސް އެމްޓީސީސީން އެ ރަށުގައި އަޅާއިރު އެ މަސައްކަތް ވެސް އޯގަސްޓު މަހަށް ނިމޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ސީއެސްއާރުގެ ދަށުން އެ ރަށުގައި އަޅާ ޕްރީސްކޫލްގެ މަސައްކަތް ވެސް ސްކޫލް ހުޅުވުމުގެ ކުރިން ނިންމައި ކައުންސިލާ ހަވާލުކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް