ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އައު އިމާރާތް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދުނިޔެ ބާރު ދުވެލީގައި ތަރައްގީވަމުން ދާއިރު، އަދުލު އިންސާފު ފޯރުކޮށްދިނުމުގެ ކަންކަންވެސް އަވަސްވެ، ތަރައްގީވާން ވާނެ ކަމަށެވެ. އަދި އަދުލު އިންސާފު ފޯރުކޮށްދިނުމާއެކު ހުރިހާ ފަނޑިޔާރުންވެސް އިހުސާންތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ މަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ގާނޫނުއަސާސީން ހައްގުތައް ކަށަވަރުކޮށްދޭ އިރު، ހަމަ އެ ގާނޫނުއަސާސީން މަސްއޫލިއްޔަތުތަކާއި ވާޖިބުތައްވެސް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހައްގުތަކާއެކު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ވާނެ ކަން ހަނދާން ބަހައްޓަން ވާނެ ކަމަށެވެ.
މިއަދު ހުޅުވި ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާރަށު ކައުންސިލާ ހަވާލުކުރި ޕްރޮޖެކްޓެކެވެ.
އެ ރަށު މެޖިސްޓްރޭޓް ކޯޓު މީގެކުރިން ހިންގަމުން އައިސްފައިވަނީ ދެ ކޮޓަރީގެ ޖާގައިގެ އިމާރާތެއްގައެވެ. އެގޮތުން، ޝަރީއަތް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި ކޯޓުގެ އިދާރީ ހިންގުމާ ގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ.
އަލަށް ހުޅުވި އިމާރާތުގައި މިހާރުގެ ގާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި، ވަސީލަތްތައް ހިމެނެއެވެ. އެގޮތުން، ޝަރީއަތް ކުރާނެ ވަކި ދެ މާލަމަކާއި، މެޖިސްޓްރޭޓް މުވައްޒަފުންނަށް މަސައްކަތްކުރުމަށް ވަކިން ޚާއްޞަ ބައިތަކުގެ އިތުރުން ސްޓޭންޑާޑް ކޯޓެއްގައި ފުރިހަމަ ވާންޖެހޭ ގިނަ ކަންކަން ހިމެނެއެވެ.
އޭގެތެރޭގައި ކޯޓަށް ހާޒިރުވާ ވަކީލުން މަޑުކުރަން ޚާއްޞަ ރޫމަކާއި، ޕޮލިސް ޕޯސްޓަކާއެކު ކުށުގެ ތުހުމަތުގައި ހާޒިރުކުރެވޭ މީހުން ވަކިން ބައިތިއްބާނެ ތަނަކާއި، ކޮންފަރެންސް ރޫމް އަދި ޝަރުއީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން އާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ރިސެޕްޝަނާއި ވެއިޓިން އޭރިއާ ވެސް ހިމެނެއެވެ.
މި އިމާރާތް ހުޅުވުމާއެކު ކޯޓުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.