ކޮންމެ ލިޔުންތެރިއަކުވެސް ވާންވީ އަޚުލާޤީ މިންގަނޑުތަކަށް އިޙްތިރާމް ކުރާ ލިޔުންތެރިއަކަށް: ޢައްބާސް

ޢައްބާސް އިބްރާހިމް ސަންއަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ލިޔުންތެރިއަކު ވެސް ވާންވީ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކަށް އިޙްތިރާމް ކުރާ ލިޔުންތެރިއަކަށް ކަމަށް ލިޔުންތެރިންގެ ގުޅުމުގެ ރައީސް ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔުންތެރިންގެ ގުޅުމުގެ ރައީސްގެ ހައިސިއްޔަތުން ދެއްވި ޚިތާބުގައި ޢައްބާސް ވިދާޅުވީ، ކޮންމެ ލިޔުންތެރިއަކު ވެސް ވާންވާނީ ބަހުގެ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތާ ލިޔުންތެރިއަކަށް ކަމަށެވެ.

ޢައްބާސް ވިދާޅުވީ މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަަކުރަނީ ދިވެހިބަހުގެ އެކެޑަމީއާއި، ލިޔުންތެރިންގެ ގުޅުމާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ގުޅިގެން ކަމަށެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިއާރަކީ "މުޖުތަމަޢުގެ މަސްލަޙަތު- ލިޔުންތެރިންގެ މަސްއޫލިއްޔަތު" އެވެ. ޢައްބާސް ވިދާޅުވީ މިއީ މުޖުތަމަޢުއާ ލިޔުންތެރިންނާ އޮތް ގުޅުން ރަމްޒުކޮށްދޭ ޝިއާރެއް ކަމަށެެވެ. އަދި މުޖުތަމަޢުގެ މަސްލަހަތަށްޓަކައި ލިޔުންތެރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ މުހިންމުކަން ވެސް މި ޝިއާރުން ބުނެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިޚުލާޞްތެރި އެދުމަކީ ކޮންމެ ލިޔުންތެރިޔަކީވެސް ޒިންމާދާރު ލިޔުންތެރިޔަކަށް ވެވަޑައިގެންނެވުން. ކޮންމެ ލިޔުންތެރިޔަކުވެސް މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލައްވާ ކޮންމެ ލިޔުމަކީވެސް އެހެން މީހުންނަށް ފައިދާ ކުރަނިވި އަދި ލިޔުންތެރިޔާގެ އިތުބާރު ހިފެހެއްޓެނިވި ލިޔުމެއްކަމުގައި ހެއްދެވުމަށް މަސައްކަތް ކުރެއްވުން،" ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް ވިދާޅުވީ ކޮންމެ ބަހެއްގައިވެސް އެބަހެއް އެންމެ ފުރިހަމައަށް އަދި އެންމެ ރީތިކޮށް ބޭނުންކުރާ ބަޔަކީ އަދި އެބަހެއް އޭގެ ގޮތުގައި އެއްޖީލުން އަނެއްޖީލަށް ވާޞިލްކޮށްދޭ ބަޔަކީ އެބަހެއްގެ ލިޔުންތެރީން ކަމަށެވެ. މުޖުތަމަޢުގެ ތާރިޚާއި ސަގާފަތް ކުރިއަތް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ތިބި ބަޔަކީ ވެސް ލިޔުންތެރީން ކަމުގައި ޢައްބާސް ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ލިޔުންތެރީންނަކީ ހަމައެކަނި ކިޔުންތެރީން ބޭނުންވާހާ ގޮތަކަށް ލިޔާ ބަޔަކަށް ވެގެން ނުވާނެކަމަށެވެ. ލިޔުންތެރީން ވާންވާނީ އެމީހުންގެ ލިޔުންތަކުން ކިޔުންތެރީންގެ ޝައުޤު ދިރުވާ ބައެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ޒަމާނަކީ އަވަސްކަމާއި ހަލުވިކަމާއެކު ޚަބަރުތަކާއި ޚިޔާލުތައް އަދި އެނޫންވެސް ތަފާތު ލިޔުންތައް މީސްމީޑިއާގެ ވިއުގަތައް މެދުވެރިކޮށް ޢާންމުކުރުމުގެ ފުރުޞަތުތައް ތަންމިނަށް ހުޅުވިފައިވާ ޒަމާނެއް ކަމުގައި ވީ ނަމަވެސް، ލިޔުންތެރިންގެ ޒިންމާއަށް "ކަންނެތް" ކަމެއް ނުގެނައުމަށް ޢައްބާސް އިރުޝާދުދެއްވިއެވެ.

ކިތަންމެ އަވަސްކޮށް ލިޔުމެއް އާންމުކުރަން ޖެހުނަސް އެ ލިޔުމަކީ ބަހުގެ ހަމަތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ލިޔެފައިވާ އަދި އިމްލާކުށްތަކެއް ނެތް ލިޔުމަކަށް ހެދުމަށް ޢައްބާސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ކޮންމެ ލިޔުންތެރިޔަކުވެސް މުޖްތަމަޢުގެތެރެއަށް ދޫކޮށްލާ ކޮންމެ ލިޔުމަކީވެސް އެހެން މީހުންނަށް ފައިދާ ކުރަނިވި އަދި ލިޔުންތެރިޔާގެ އިތުބާރު ހިފެހެއްޓެނިވި ލިޔުމެއްކަމުގައި ހެދުމަށް މަސައްކަތް ކުރުމަށް ވެސް ޢައްބާސް އެދިލެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް