އޮންލައިން އަޑުއެހުންތަކުގައި ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކުރަން ޖެހޭ: ފަނޑިޔާރު މަހާޒު

ފަނޑިޔާރު މަހާޒް: އޮންލައިން އަޑުއެހުންތަކުގައި ފަހުގެ ޓެކްނޮލަޖީތައް ބޭނުން ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ

އޮންލައިން އަޑުއެހުންތަކުގައި ފަހުގެ ޓެކްނޮލަޖީތައް ބޭނުން ކުރަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މެދުނުކެނޑި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދާތާ ތިން އަހަރު ވުމާ ގުޅިގެން ސުޕްރީމް ކޯޓުން އާންމުކުރި ވީޑިއޯއެއްގައި މަހާޒް ވިދާޅުވީ ޝަރުއީ ދާއިރާއަށް އެންމެ ފަހުގެ ޓެކްނޮލަޖީ ބޭނުންވާ ކަމަށެވެ.

"އޮނަލައިން ހިއަރިންތަކާ އެކީގައި ޓެކްނޮލަޖީ އަޅުގަނޑުމެން ބޭނުންކުރަން އެބަޖެހޭ. މިއީ ޝަރީއަތްތަކުގެ ފެންވަރު ދަމަހައްޓާ ދުނިޔޭގެ އެހެން ގައުމުތަކާ ފައި ހަމަކުރުމަށްޓަކައި," މަހާޒް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ފަނޑިޔާރު މަހާޒް ދެއްކެވީ, މީހެއްގެ ދުލުން ނޫން ގޮތަކަށް ލިޔެފަ ހުންނަ ލިޔުންތައް ކިޔޭ ޓެކްނޮލަޖީ އާއި މީހުން ދައްކާ ވާހަކަތައް ވަކިވަކިން މީހަކު ލިޔުމުގެ ބަދަލުގައި ޓެކްނޮލަޖީ މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތެވެ.

އެގޮތުން މިހާރު ކަންކުރާ ގޮތް ފަނޑިޔާރު ކިޔައިދެއްވިއެވެ. އެއީ 30-40 ސޮފްހާގެ މައްޗަށް އެކުލެވޭ ހުކުމް ލިޔެފަ އޮންނަ ގަނޑު ބަލައިގެން ފަނޑިޔާރުން ކިޔުމެވެ. އެކަންކުރާ އިރުގައި ކިތަންމެ ބޮޑަށް ފަރިތަކޮށްގެން ދިޔަ ނަމަވެސް އަކުރެއް ނުވަތަ ފިއްޔެއް އުނިކޮށް ކިޔުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއަށް ޓެކްނޮލަޖީ ގެނެއްސި ކަމުގައިވަނީ ނަމަ 30 މިނެޓްގެ ހުކުމް ކިޔާލާއިރުގައި ކިރިޔާ ލިޔެފަ އޮންނަ އެއްޗެއްގެ މިސްޓޭކެއް ޖެހުނަސް އެ މިސްޓޭކް ކިޔުމާއި ލިޔުމާއި ތަފާތުވާ ނަމަ އިނގޭނެ ޓެކްނޮލަޖީ އެބަހުރި," މަހާޒް ވިދާޅުވިއެވެ.

ގަޑި ދެގަނޑިއިރުގެ ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ވަގުތުން ލިޔެލެވޭ ޓެކްނޮލަޖީތައް ވެސް މިހާރު ހުރިކަން މަހާޒް ފާހަގަކުރެއްވިއެވެ.

"މިކަހަލަ ޑޭޓާ ބޭސްތަކާއި ސްޕީޗް ޓް ޓެކްސްޓް ޓެކްނޮލަޖީއާ އަދި އޭގެ އިދިކޮޅު ވެސް ހިމެނޭ ގޮތަށް މިކަހަލަ ޓެކްނޮލަޖީތައް ހިމެނޭ ގޮތަށް ބޭނުން ޖުޑިޝަރީއަށް ހިފިގެން މުސްތަގްބަލުގައި އަޅުގަނޑުމެނަށް މިކުރާ ޝަރީއަތްތައް އިތުރަށް ފެންވަރު ރަނގަޅުކޮށް ކުރެވޭނީ. އެހެން ގައުމުތަކާ ފައިހަމަކުރެވޭނީ މިކަހަލަ އަޅުގަނޑުމެނަށް ބޭނުންހިފޭ ހަމަ ހުރިހާ ޓެކްނޮލަޖީގެ ބާވަތްތައް އަޅުގަނޑުމެން ބޭނުންކޮށްގެން," މަހާޒް ވިދާޅުވިއެވެ.

comment ކޮމެންޓް