ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލާން މަސައްކަތް ކުރާ ސަރަހައްދަަށް ބާޖެއް ފަރަށް އަރައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު، އިބްރާހިމް އަލީފް ވިދާޅުވީ މި ހާދިސާ ހިނގީ އިއްޔެ ކަމަށެވެ. އަދި ބާޖު ފަރަށް އަރާފައިވަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ހިފައިގެން އަންނަނިކޮށް، އެ ސަރަހައްދަށް ކަމަށް ވެސް އަލީފް ވިދާޅުވިއެވެ.
ބާޖު ފަރަށް އަރާފައިވަނީ މަސައްކަތް ކުރާ ސަރަހައްދުގައި ހޯގާޑުން މުދާ ވައްދާ ނެރެ ހެދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ތަނާ ދިމާލުގައި އޮއްވާ އަރިއަޅާލައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބާޖު ފަރަށް އަރާފައިވަނީ އަރިއަޅާލައިގެން ---
އަދި ބާޖު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް އަލީފް ވިދާޅުވިއެވެ.
ރަށް ގިރުމުގެ މައްސަލައަކީ ފުވައްމުލަކަށް ޒަމާނުއްސުރެ ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑު ހިލަޖެހުމުގެ މަސައްކަތް އެ ރަށުގައި އަންނަނީ ކުރަމުންނެވެ.
މި ސަރުކާރުން ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ ޑެންމާކުގެ ކުންފުންޏެއް ކަމަށްވާ އެމްޓީ ހޯގާޑުއާއެވެ.

ބާޖު ފަރަށް އަރާފައިވަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ހިފައިން އަންނަނިކޮށް ----
މި މަޝްރޫއަށް ފައިސާ ހަމަޖައްސައިފައިވަނީ ސަރުކާރުގެ ބަޖެޓުންނާއި ނެދަލެންޑްސްގެ ގްރާންޓް އެހީގެ އިތުރުން ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ތެރެއިންނެވެ.
މި މަޝްރޫއަށް ޖުމުލަ 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.
މަޝްރޫއުގެ ތެރެއިން އެ ސިޓީގެ ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ގާއިމްކުރާނެއެވެ.