ބުރިޖުގައި ހުރި މަސައްކަތު މީހެއް ގައިގައި ސައިކަލަކުން ޖެހި، އަނިޔާވެއްޖެ

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިނަމާލެ ބްރިޖުގައި މަރާމާތު މަސައްކަތެއް ކުރަން ހުރި މީހެއް ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 9:30 ހާއިރު ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ފަޅިން ދުއްވާފައި ދިޔަ ސައިކަލަކުން އެ މީހާ ގައިގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 49 އަހަރުގެ ފިރިހެނަކާއި، މަރާމާތު މަސައްކަތުގައި ހުރި 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.

އެ ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ދެ މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސެންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް