ހަތް އަހަރަށް ފަހު އާސެނަލް ދޫކޮށް، ޒަކާ ލެވަކޫސަންއަށް

ސްވިޒަލެންޑް މިޑްފީލްޑަރު ގްރެނިޓް ޒަކާ -- ފޮޓޯ/ ގެޓީ

ސްވިޒަލެންޑް މިޑްފީލްޑަރު ގްރެނިޓް ޒަކާ، ހަތް އަހަރަށް ފަހު އާސެނަލް ދޫކޮށް ބަޔާން ލެވަކޫސަންއާ ގުޅިއްޖެއެވެ.

އާސެނަލްގެ ކުރީގެ ކެޕްޓަން ޒަކާ، ލެވަކޫސަންއާ ގުޅުނުކަން އެ ކްލަބުން އިއުލާންކޮށްފައިވާ އިރު، އޭނާ ލެވަކޫސަންއަށް ސޮއިކޮށްފައިވަނީ 25 މިލިއަން ޔޫރޯ (27 މިލިއަން ޑޮލަރު)ގެ އަގަކަށެވެ.

އާސެނަލްގެ ކޯޗުކަމާ މިކެލް އާޓެޓާ ހަވާލުވި ފަހުން އުމުރުން 30 އަހަރުގެ ޒަކާއަށް ވަނީ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ ސީޒަން ޒަކާ ނިންމާލީ އާސެނަލަށް ހަތް ގޯލު ޖަހައި، ހަތް އެސިސްޓް ކޮށްދީފައެވެ. ހަތް އަހަރުގެ ތެރޭގައި ޒަކާ ވަނީ އާސެނަލަށް 297 މެޗު ކުޅެ، އެ ކްލަބާއެކު ދެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

ޒަކާ 2010 ވަނަ އަހަރު އޭނާގެ ކެރިއަރު ސްވިޒަލެންޑްގެ ބާސެލް އިން ފެށުމަށްފަހު، އޭގެ ދެ އަހަރު ފަހުން އޭނާ ފެނިގެންދިޔައީ ބޮރޫޝިއާ މޮންޗެންގްލަބާކް އިންނެވެ. ޒަކާ އާސެނަލާ ގުޅުނީ 2016 ވަނަ އަހަރުއެވެ.

އާސެނަލުގެ ކެރިއަރު ޒަކާ ނިންމާލަން ޖެހުނީ އިނގިރޭސި ޕްރިމިއާ ލީގު އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެއް ވެސް ނުހޯދިއެވެ. މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ތައްޓަކާ ގާތަށް ދިޔަ ނަމަވެސް، ލީގު ތާވަލުގެ އެއްވަނައިގައި ގިނަ ދުވަސްތަކެއްގައި އޮތުމަށްފަހު ސީޒަންގެ ފަހުކޮޅު ނަތީޖާތައް ދަށްވުމާ ގުޅިގެން އާސެނަލަށް ލީގު ނިންމާލަން ޖެހުނީ ދެވަނައިގައެވެ.

comment ކޮމެންޓް