ހައްޖަށް ދިޔަ ދިވެހީން އެނބުރި ރާއްޖެ އަންނަން ފަށައިފި

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން އެނބުރި ގައުމަށް އަންނަށް ފަށައިފިއެވެ.

އެގޮތުން ދެ ގްރޫޕެއް ވަނީ މިއަދު ރާއްޖެ އައިސްފައެެވެ. ފުރަތަމަ ރާއްޖެ އައީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެކެވެ. އަދި ދެވަނައަށް ރާއްޖެ އައިސްފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ ގްރޫޕެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ، މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ހައްޖުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްހައްޖުގެ ގޮތުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.

ކޮވިޑާ ހެދި 2021ވަނަ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރެވެ. އެއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

comment ކޮމެންޓް