10 ވަނަ ފިލްމު އެވޯޑު އަންނަ މަހު ބާއްވަނީ

ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުނު އާއިޝަތު ރިޝްމީ ރަމީޒް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ދިވެހި ފިލްމު އިންޑަސްޓްރީގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށްޓަކައި ބާއްވަމުން އަންނަ ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ ފަހެއްގައި ބޭއްވުމަށް ނިންމައިފިއެވެ.

މި އަހަރުގެ އެވޯޑު، "ދިވެހި ފިލްމް އެވޯޑްސް 10"ގައި މިފަހަރު ހުށަހަޅާނީ 2019 އާއި 2022 އާ ދެމެދުގެ ކޮންޓެންޓުތަކެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ. އަދި އުފެއްދުންތައް ހުށަހެޅުމަށް ވަނީ މި މަހުގެ 16ގެ ނިޔަލަށެވެ.

މި އަހަރުގެ އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ކޮވިޑްގެ ހާލަތާ ގުޅިގެން ދިވެހި ފިލްމު އިންޑަސްޓްރީ ވަނީ ވަރަށް ބޮޑު ތަނުން މަޑު ޖެހިފައެވެ. ދިގު މުއްދަތަކަށް އޮލިމްޕަސް ބަންދުކޮށްފައި ހުރުމުން ތިއޭޓްރިކަލް ރިލީޒްތަކުގެ އަދަދުތައް އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިއަހަރުގެ އެވޯޑުތަކުގެ ތެރޭގައި ހިމޭނޭނީ ފީޗާ ފިލްމާއި، ކުރު ފިލްމުގެ އިތުރުން ޑޮކިއުމެންޓްރީއެވެ. މި ދާއިރާތަކަށް ބަލާނަމަ 2019 އިން 2022 އާ ހަމައަށް ނެރެފައިވާ ފީޗާ ފިލްމުތަކުގެ އަދަދަކީ 14 ފިލްމެކެވެ. އޭގެތެރެއިން 10 ފިލްމަކީ ހަމައެކަނި 2019ގައި ނެރުނު ފިލްމުތަކެވެ. މި މުއްދަތުގައި ހަތް ކުރު ފިލްމެއް ވަނީ ނެރެފައެވެ.

ނުވަ ވަނަ ފިލްމު އެވޯޑު ހަފުލާއަށް ބައިވެރިކޮށްފައިވަނީ 13 ފިލްމެކެވެ. އެންސީއޭއިން 2019 ވަނަ އަހަރުގައި ބޭއްވި އެވޯޑު ހަފުލާގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގު ލީޑުން ފެނުނު "ވިޝްކާ" އަށެވެ. ފިލްމުގެ ރޯލަށް ރިޝްމީ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ލިބިފައެވެ. އެވޯޑު ހަފުލާގައި އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އަށެވެ.

comment ކޮމެންޓް