މެޓާއިން އަލަށް ތައާރަފުކުރި ތްރެޑްސް އެޕްލިކޭޝަނަށް ފުރަތަމަ ހަތް ގަޑިއިރުގެ ތެރޭގައި 10 މިލިއަން މީހުން ސައިން އަޕް ކޮށްފައިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވެފައިވާއިރު، ރާއްޖޭގައި ވެސް ގިނަ ބަޔަކު ވަނީ މި އެޕްލިކޭޝަން ބޭނުންކުރަން ފަށާފައެވެ.
ތްރެޑްސް ނެރުމުގެ މަސްތަކެއް ކުރިން މީގެ ވާހަކަ ވަނީ ސޯޝަލް މީޑިއާއަށް ތިލަވެފައެވެ. ޚާއްޞަކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އީލޯން މަސްކް ޓްވިޓާ އަމިއްލަ ކުރުމަށްފަހު ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން އެ އެޕް ނޫން ގޮތެއް ހޯދަން ގިނަ ބަޔަކު ވާހަކަ ދައްކަން ފެށުމުން، މެޓާއިން ތްރެޑްސް ފަދަ އެޕެއް ތައާރަފު ކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ތްރެޑްސްގެ ސަބަބުން ޓްވިޓާއިން ވަރަށް ގިނަބަޔަކު ވަކިވާނެއެވެ. އޭގެ އެއް ސަބަބަކީ އެ ޕްލެޓްފޯމަށް ދާދި ފަހުން ގެނައި ބަދަލުތަކާ މެދު ގިނަބަޔަކު ހިތްހަމަ ނުޖެހިފައިވުން ކަމަށް އެފަރާތްތަކުން ބުނެއެވެ.
ތްރެޑްސް މެދުވެރިކޮށް ލިޔާ ޕޯސްޓްތަކުގައި ގިނަވެގެން 500 ކެރެކްޓާ ބޭނުން ކުރެވޭއިރު ޓްވިޓާ އާ އެއްގޮތް ގިނަ ފީޗާތަކެއް އެ އެޕްގައި ހިމެނެއެވެ.
ތްރެޑްސް ޕްރޮމޯޓް ކުރުމުގެ ގޮތުން މެޓާގެ ސީއީއޯ ޒަކަބާގް ގެންދަނީ އެ އެޕްލިކޭޝަނަށް ލިބެމުންދާ ތަރުހީބު މީޑިއާގައި ހާމަކުރަމުންނެވެ. އެންމެފަހުން އޭނާ ބުނީ ތްރެޑްސްއަކީ ޔޫޒާ ފްރޭންޑްލީ އެޕެއްކަމަށާއި، އެއީ ވަރަށް ކާމިޔާބު އެޕެއްކަން މިހާރު ފާހަގަކުރެވޭ ކަމަށެވެ.
ނަމަވެސް ޒަކަބާގްއަށް ރައްދު ދެމުން މަސްކް ނުސީދާކޮށް ބުނެފައި ވަނީ އިންސްޓްގްރާމުން ގިނަ އަދަދަކަށް ސައްހަ ނޫން މައުލޫމާތު ފެތުރޭ ކަމަށެވެ. ނަމަވެސް ޓްވިޓާއަށް އޭނާ ގެނައި ބަދަލުތަކުގެ ސަބަބުން ސައްހަ ނޫން މައުލޫމާތު ފެތުރުމާއި، ސްކޭމް ކުރުން މަދުވެފައިވާ ކަމަށެވެ.
ތްރެޑްސް އަކީ ޓްވިޓާއަށް ވުރެ ބޮޑު އެޕްލިކޭޝަނެއްތޯ މީހަކު ސުވާލު ކުރުމުން ޒަކަބާގް ބުނީ އެ ދަރަޖައަށް ވާސިލުވުމަށް ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް މި އެޕްލިކޭޝަނަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެޕްލިކޭޝަނަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
"ޓްވިޓާއަށް އެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފިފައި ނުވޭ. އުއްމީދަކީ އަޅުގަނޑުމެން އެކަން ކާމިޔާބު ކުރުން،" ޒަކަބާގް ބުންޏެވެ.
ތްރެޑްސްއިން ބޭނުން ކޮށްފާނެ ޒާތީ މައުލޫމާތު ހާމަކޮށް، ވާދަވެރިން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން މީހުންގެ ސިއްހީ، މާލީ އަދި ބްރައުޒިން ޑޭޓާ ވެސް އެ އެޕުން ޓްރެކްކޮށްފާނެ ކަމަށް އެޕަލްގެ އެޕް ސްޓޯރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އެޕަށް ސައިން އަޕް ކުރާއިރު ގުޅިފައި އޮންނަ އިންސްޓަގްރާމް ޕްރޮފައިލް ޑިލީޓް ނުކޮށް، ތްރެޑްސްގެ ޕްރޮފައިލް ޑިލީޓް ނުކުރެވޭތީ އެކަމަށް ވެސް މީހުން ފާޑުކިޔާފައިވެއެވެ.
ނަމަވެސް މެޓާއިން ވަނީ އެ ފީޗާއަށް ބަދަލުގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުނެފައެވެ.
އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 100އަށް ވުރެ ގިނަ ގައުމުގައި ތްރެޑްސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވީ ނަމަވެސް ރެގިއުލޭޓަރީ ކަންބޮޑުވުންތަކާ ހެދި އީޔޫގައި އަދި ވެސް އެ އެޕް ބޭނުންނުކުރެވެއެވެ.
ތަޖުރިބާކާރުން ބުނަނީ ތްރެޑްސްގެ ސަބަބުން ޓްވިޓާ ބޭނުންކުރާ އެންމެން އެ އެޕް ބޭނުން ކުރުން ހުއްޓާލުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދަށް މިހާރު ބޮޑު ބަދަލެއް އައި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ އެޕަށް ގެންނަ ބަދަލުތަކާއެކު އެ އެޕް ބޭނުންކުރާ މީހުންގެ އަދަދުވެސް ހަމައަކަށް އެޅޭނެ ކަމަށެވެ.