މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ގައްބަރޭ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) މިއަދު ދޫކޮށްލައިފިއެވެ.

ގައްބަރޭ ހައްޔަރުކުރީ، ހޯދަން އިއުލާންކުރިތާ ހަފުތާއެއް ފަހުން، އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މެއި މަހުގެ 23ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް އެ ދުވަހު ވަނީ 30 ދުވަސް ޖަހައިފައެެވެ.

ގައްބަރޭ ދޫކޮށްލި ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް، ގައްބަރޭގެ ބަންދުގެ މުއްދަތު ޖަހަން ފުރަތަމަ ގެންދިއުމުން ގައްބަރޭގެ މައްޗަށް ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެ ގޮތުން ހެކީންގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އަނިޔާލިބުނު ފަރާތުގެ މެޑިކޯ އަދި ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓްތައް ހުށަހަޅައިފައިވާކަމަށް ބުނެފައިވެއެވެ.

ގައްބަރޭއަކީ ބަންދު ރެކޯޑެއް އޮތް މީހެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އޭނާ އަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި 2012ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17ވަނަ ދުވަހު އިސްތިއުނާފު ކޮށްފައެވެ.

comment ކޮމެންޓް