އަދީބަށް ފަރުވާ ދެމުން ގެންދަނީ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް: އެމްޓީޑީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮސްޕިޓަލުގައި --

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްޔަަކަށް ފަރުވާ ދެމުން ކަމަށް މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް، (އެމްޓީޑީ)ން ބުނެފިއެވެ.

އެމްޓީޑީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އަދީބަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

މި ކަމާ ގުޅިގިގެން އެމްޓީޑީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަދީބަށް ފަރުވާ ދެމުން އަންނަނީ ނާރުގެ ބައްޔަކަށް ކަމަށެވެ. މި ބަލީގެ އަސަރުތައް އަދީބުގެ ހަށިގަނޑުން ފެނުނު ކަމަށް ބެލެވިފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އަދީބު ބަންދުގައި ބެހެެއްޓެވި މުއްދަތުގެ ތެރޭގައި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޓީޑީން ވަނީ އަދީބުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން ވަނީ 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 5 އޮކްޓޯބަރު 2020ގައެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އަދީބާއި ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް އިއްވި އިރު ވެސް އޭނާ ހުރީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އޭއީ، އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަނުން އޭރު ވަނީ ބުނެފައެވެ.

comment ކޮމެންޓް