އދ. މަހިބަދޫއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ދޯންޏަކުން އަށް މީހަކު ސަލާމަތްކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ދޯންޏަކީ މާލެއިން ފުރައިގެން މަހިބަދޫއަށް ދަތުރު ކުރަމުން ދިޔަ "ރިކާޑޯ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްކަމަށެވެ.
މިރޭގެ ވަގުތެއްގައި އެ ދޯނި އަލިހުރަސް ކަނޑުން އަޑިއަށްދާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާއެކު އދ. ޕޮލިސް ލޯންޗު އެ ސަރަޙައްދަށް ގޮސް ދޯނީގައި ތިބި އަށް މީހުން ފުލުހުންގެ ލޯންޗަށް ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެމީހުން މަހިބަދޫއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މިދުވަސްވަރު މޫސުން ގޯސްވެ، ކަނޑުގަދަވުމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިއަދާއި މާދަމާ ބައެއް ރަށްރަށަށް އުދަ އަރާފާނެތީ ރައްކާތެރިވެ ތިބުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.