"ނޯ ފްރީ ލަންޗް" މިއީ އިނގިރޭސި މުޙާވިރާ ބަހެކެވެ. ލިބިގަންނަ ކޮންމެ ޚިދުމަތަކަށް، ކޮންމެވެސް މީހަކު، އަގެއް ދައްކަން ޖެހޭ ކަން ވިސްނައިދިނުމަށް ބޭނުންކުރާ ޖުމްލައެކެވެ. ރައްޓެއްސަކު ބުނެގެން ކޮފީއަކަށް ދިޔުމުން އޭނާ އަތުން ކޮފީގެ އަގާއި ޖީއެސްޓީ ނަގާނެއެވެ. ރެސްޓޯރަންޓުގެ ވެރި މީހާ ދޭ ހިލޭ ކެއުމުގެ މެނޫގައި ހިމެނޭ ތަކެއްޗަށް، ކެއްކި ގޭހަށް، ކާއްކާގެ މުސާރައަށް ޚަރަދު ހިނގާނެއެވެ.
ޢާންމު ދިރިއުޅުމުގެ ކަންކަން މިގޮތަށް ރޭވިފައި ހުންނައިރު، ދައުލަތެއްގެ ނިސްބަތުން "ނޯ ފްރީ ލަންޗް"ގެ އަސާސް، މާ ބޮޑުތަނުން މުހިންމު ވެދެއެވެ.
ދައުލަތުގެ ނިސްބަތުން "ނޯ ފްރީ ލަންޗް"
ޤައުމުގައި، ކޮންމެ ޤައުމެއްގައި ނަމަވެސް، އުފެއްދުންތެރި ޙަރަކާތް ހިންގަނީ އަމިއްލަ ފަރުދުންނާއި އެ މީހުންގެ ވިޔާފާރި ތަކުންނެވެ. ދައުލަތަކީ އަމިއްލަ އުފެއްދުންތެރިކަމުގެ އާމްދަނީން ބައިކުޅަ ބައެއް ޓެކްސް ގޮތުގައި ލިބިގަނެގެން ހިންގާ މުއައްސަސާ ތަކަކަށް ކިޔައި ނަމެކެވެ.
ބޮޑުންގެ ދަތުރުތަކާ، ޓައީ އަޅައިގެން ބްރޭކްފާސްޓަށް ދާ މުއައްޒަފުންގެ މުސާރަޔާ، ފޭސްބުކް އަޕްޑޭޓް ކުރާ އޮފީހުގެ އިންޓަނެޓާ، ވަޒީރު ކޮޓަރިކޮޅުގައި މީރު ވަސް ދުއްވުމަށް ބަހައްޓާ ދުންދަނޑި ހިމެނޭހެން، ދައުލަތް ހިންގުމަށް ޚަރަދު ކުރަނީ މި ދެންނެވި ޓެކްސް ފައިސާއިންނެވެ.
ބަނދަރު ހަދާ، ނަރުދަމާ އަޅާ، އަތް ފޯރާ ފަށުގައި އެއަރޕޯޓް އެޅުމުގެ އިތުރުން، ހުސްވި ގޮނޑި 'އަންބޮނޑި' ކުރުމަށްޓަކައި، ކޮންމެ އަވަށަކަށް ޓާފް ދަންޑެއް އަޅައި ކަނޑު ހުރަސްކޮށް ބްރިޖް އަޅާ ދެވޭނީވެސް ހަމަ މިދެންނެވި ޓެކްސް ފައިސާއިންނެވެ.
މިއިން އެއްވެސް ކަމަކަށް ހިނގާ ޚަރަދަކީ މަޝްރޫޢު އިޢުލާނު ކުރާ ވަޒީރު، ނުވަތަ ހޮވޭ މެންބަރުގެ މުސާރައިން ފޯރު ކޮށްދެވޭ ޚިދުމަތެއް ނޫނެވެ. އެބޭފުޅުންގެ މައްސޫލިއްޔަތަކީ ހަމައެކަނި ކުލަ ހުވަފެން ދެއްކުމެވެ.
ސަބްސިޑީގެ ސޮބް ސްޓޯރީ
ޢާންމު ޢުޞޫލެއްގެ ގޮތުން ސަބްސިޑީއަކީ އެހީއަށް ބޭނުންޖެހިފައި ތިބި ފަރާތްތަކަަށް، ބަޖެޓުން ފޯރުކޮށްދޭ ‘ހިޔާވެހި’ ކަމެކެވެ. ނަމަވެސް އެއްވެސް އޮޅުމެއްނެތި ހާމަކޮށް ފެންނާން އޮތް ގޮތުގައި، ރާއްޖޭގައި ސަބްސިޑީ ފޯރުކޮށްދެނީ ފީ ސަބީލިއްލާހި އެންމެނަށެވެ. މިއީ ބޭރު މާހިރުންނާއި ދިވެހި އަމާހިރުން ދިރާސާކޮށް، އިސްލާޙުކުރާނޭ ކަމަށް ތަފާތު ސަރުކާރުތަކުން ތަކުރާރު ކޮށްފައިވާ ވާހަކައެކެވެ.
ވޭތުގެ ދިޔަ 2022 ވަނަ އަހަރު ފިޔުލް ސަބްސިޑީއަށް 2.3 ބިލިއަން، ކަރަންޓް އަގު ހެޔޮ ކުރުމަށް 951 މިިލިއަން، ކާޑުގެ ތަކެތި އަގު ހެޔޮ ކުރުމަށް 314 މިލިއަން، އާސަންދާއައި ގުޅޭ އެކި ޚިދުމަތަށް 1.9 ބިލިއަން، އެކު ޖުމްލަ 8.2 ބިލިއަންގެ ސަބްސިޑީ ގޮތުގައި ހޭދަ ކުރީ 13.6 ބިލިއަންގެ ރުފިޔާގެ ބަޖެޓް ޑެފިސިޓްގައެވެ.
ޤައުމުގެ މާލީ ޙާލަތު އެނދު ދާން ކޮށްފައިވާއިރު، ކޮންމެ އިލެކްޝަނަކާ ދިމާކޮށް ހިލޭ ދޭނޭ ޚިދްމަތް ތައް ދަނީ ގުނަ ވަމުންނެވެ. މިހިނގާ 2023 ވަނަ އަހަރު ފެށުނީ އިތުރަށް ފިޝަރމަންސް ސަބްސިޑީ، ސިވަރޭޖް ސަބްސިޑީ، އަންއެމްޕްލޯއިމަންޓް ބެނެފިޓްސް، އަދި ޓްރާންސްޕޯޓް ސަބްސިޑީ ހިމެނިގެންނެވެ. އިންތިޚާބާ ކައިރިވާ ވަރަކަށް ރައްޔަތުންނަށް ދެވޭނޭ އިތުރު ސަބްސިޑީ ތައް ބެރު ދުންމާރި ތާޅަފިލީގައި ނުކުމެ އިޢުލާނު ކުރަމުން އެބަ ގެންދެއެވެ. މަތިގޭ ގާއި ތިއްބަވާ ބޮޑުން، ރަށު ފަސްގަނޑަށް އެހެލުމަށް މަޖުބޫރު ‘ބެރު ދުންމާރި ސަބްސިޑީ’ ގެ އަޑެއް އަދި ނީވެއެވެ.
އެހެނަސް ޤައުމު އިތުރަށް ދަރުވާނުލާ، އިތުރު ޚިދްމަތެއް ފޯރުކޮށްދެވޭނީ ހަމައެކަނި ދެގޮތުން އެއް ގޮތުންނެވެ. އެއީ މިއަދުގެ ޚަރަދުތައް ކުޑަކުރުމެވެ. ނުވަތަ އިތުރަށް ޓެކްސް ނެގުމެވެ. މިއީ ބަދަލު ނުކުރެވޭނޭ އިޤްތިޞާދީ އަސާސެކެވެ.
އަމިއްލަ ދިރި އުޅުމުގަޔާއި، ޢާއިލީ ވިޔާފާރި ހިންގުމުގައި، ލިބޭ މިންވަރަށް ޚަރަދު ބައްޓަން ކުރާ ރައްޔަތުން، ޤައުމާ ޖެހުމުން، އެ ޙަޤީޤަތެއް ޤަބޫލެއް ނުކުރެއެވެ. ވޯޓު ދިފީއްޔާ ތީ އެއްވެސް ކަމެއް ނޫނޭ ބުނާ ސިޔާސީ ކަލޭގެ އަށް އެހެންޏާ މިވާ ގޮތެއް ރޭކާވެސް ނުލަނީއެވެ. ނުވަތަ ވަރިހަމަ އީއެވެ. ވޯޓު ލިބުމުން ނިމުނީއެވެ.
ބޮޑެތި ޑިމޮކްރަސީގެ ޙާލަތު
އެމެރިކާގެ ކޮންގްރެސްގައި ރިޕަބްލިކަންސާއި ޑިމޮކްރަޓްސުން ހަނގާ ކުރަނީ ޚަރަދު ބައްޓަން ކުރުމުގެ ގޮތުންނެވެ. ހިލޭ ދެވޭ ސަބްސިޑީ ތަކާއި ދައުލަތުގެ ޚަރަދުތައް މަދު ކުރުމަށް ރިޕަބްލިކަންސް މަސައްކަތް ކުރާއިރު، ބައިޑަން އާއި އޭނާގެ ޕާޓީއިން މަސައްކަތް ކުރަނީ ސަބްސިޑީތަކާއި ޚަަރަދު ތައް މަދުވިޔަ ނުދިނުމަށެވެ.
އިނގިރޭސި ވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓުންގެ ސަރުކާރުން ނަރުހުންނާއި، ޑަކްޓަރުންނާއި ހިމެނޭހެން ޖުމްލަކޮށް ސިވިލް ސާރވަންޓުންގެ މުސާރަތައް ބޮޑުކޮށްނުދީ، ހޮސްޕިޓާތަކާއި ސްކޫލްތަކަށް ބޭނުންވާ މިންވަރަށް ބަޖެޓު ފޯރުކޮށް ނުދޭ ކަމަށް މިވަގުތު އިދިކޮޅުގައި އޮތް ލޭބަރ ޕާޓީއިން އަޑު އުފުލާ މުޒާހަރާ ތައްދަނީ ރާވަމުންނެވެ.
އޮސްޓްރޭލިޔާ، ކެނެޑާ، ޖަރުމަނު ވިލާތް ފަދަ ބޮޑެތި ޑިމޮކްރަސީތަކުގައި މައި ޕާޓި ތަކުގެ މެދުގައި ހުރީ މިޒާތުގެ ފަލްސަފާގެ ތަފާތެކެވެ.
އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ހުންނާނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައެވެ. ނަމަވެސް ހިފައިގެން ހިނގައިނުގަނެވިގެން އުޅޭ އަޅުގަނޑުމެންގެ މި ޑިމޮކްރަސީގައި ހަނގާ ކުރާ ސިޔާސީ ޕާޓީ ތަކުގެ މައިގަނޑު ތަފާތަކީ، ހިލޭ ދޭން ވަޢުދު ވާ މިންވަރުގެ ތަފާތެކެވެ.
އެއް މެނިފެސްޓޯގައި ޕީއެޗްޑީއާއި ހަމައަށް ހިލޭ ކިޔަވާދޭނެ ކަމަށް ބުނެފިއްޔާ އަނެއް މެނިފެސްޓޯގައި ލިޔަން ބޭނުންވަނީ ގަޔިނީ ޑަކްޓަރުގެ ކޮޓަރިން ސަންދޯކު ފިލައާއި ހަމައަށް ދައުލަތުގެ ޚަރަދުގައި އުފުލާދޭނެ ވާހަކައެވެ. އެއް ބޭފުޅަކު ގެސްޓްހައުސް އެޅުމަށް ހިލޭ ފަންޑު ލިބޭނެ ކަމަށް ވިދާޅުވެއްޖެއްޔާ، އަނެއް ބޭފުޅަކު ވިދާޅުވަނީ ގެސްޓްހައުސް އަޅާ ތަޅުދަނޑި ޙަވާލުކުރާނޭ ވާހަކައެވެ. ބޯހިޔާ ވެހި ކަމުގެ ވަޢުދުތަކުގެ ވާހަކަ ހޯދަން ފީނަން ޖެހޭނީ ކަނޑު އަޑިއަށެވެ.
ނަމަވެސް، ކޮންމެ ޚިދުމަތަކަށް އަގެއް ދައްކަން ޖެހެއެވެ. މީ ބަދަލު ނުކުރެވޭނޭ ޙަޤީޤަތެކެވެ. ކޮންމެ ބަނދަރަކަށް، ހިލޭ ދެވޭ ސަބްސިޑީއަކަށް ޚަރަދު ހިނގައެވެ. ޤައުމު އިތުރަށް ދަރުވާނުލާ، މި އަގު ދެއްކޭނެ ހަމައެކަނި ގޮތަކީ އިތުރަށް ޓެކްސް ނެގުމެވެ. ނޫނީ ދައުލަތުގެ ޚަރަދުތައް މާ ބޮޑުތަނުން މަދުކުރުމެވެ. މީ ހަމަ އެކަނީ އިޤްތިޞާދީ އަސާސެއް ނޫނެވެ. ދިރިއުޅުމުގެ ޙަޤީޤަތެކެވެ.
ފާއިތުވި 40 ހަކަށް ވުރެ ގިނައަހަރު ކުޅަ ބުރަ، ބަރު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނޯ ފްރީ ލަންޗްގެ އަސާސް ތަކަށް ރައްޔަތު އެންމެންގެ ކަންފަތްތައް މިވަނީ ބީރު ކުރުވާފައެވެ. އެވާހަކަ ދައްކަން ކެރޭ، ސިޔާސީ ފަރާތެއް ނެތެވެ.
އިންތިޚާބީ ނަކަތްތަކުގައި ރަށުތެރަށް ފާޅުވެ، ފުޅަލިހިއްލާ ގޯއްޗަށްް ވަދެ، ކުޑަ ދަރިފުޅާއެކު ސެލްފީ ނަގާ ކަލޭގެ، ގެއިން ނުކުތުމުގެ ކުރިން އަތުގައި ހިފާ ބޮޑާށީގައި ބައިންދަމާ ހިނގާށެވެ. ތިޔަ ބުނާ ކަންތައްކުރާނީ ކޮން ޚަރަދެއް މަދުކޮށްގެންތޯ، ނޫނީ ކިހާ ވަރެއް އިތުރަށް ޓެކްސް ނަގައިގެންތޯ އަހަމާ ބަހީއެވެ. މި ސުވާލު އަޅުގަނޑުމެން ނުކުރާހާ ދުހުކު، ޤައުމުގެ ޙާލާތު ދާނީ ދަށްވަމުންނެވެ.