ކާތިކް އާރްޔަންއަށް ސާޖިދު ނަދިއަދްވާލާގެ އިތުރު ފިލްމެއް

އެކްޓަރު ކާތިކް އާރްޔަންއަށް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އިތުރު ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

"ޗަންދޫ ޗެމްޕިއަން"ގެ ނަމުގައި އުފައްދާ މިފިލްމަށް ކާތިކް ސޮއިކުރި ޚަބަރާއެކު ފިލްމު ރިލީޒްކުރާނެ ތާރީޚުވެސްވަނީ އިޢުލާނުކޮށްފައެވެ. މިއީ މިހާތަނަށް ހިންދީ ސިނަމާއިން ފެނިފައިނުވާ ކަހަލަ ސްޕޯޓްސް ޑްރާމާ ފިލްމެއްކަމަށް ސާޖިދުގެ ފިލްމު ކުންފުނިންވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާއާއި ޑައިރެކްޓަރު ކަބީރު ޚާން ގުޅިގެން ގެނެސްދޭ މިފިލްމަކީ، ކަބީރު ޚާން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދީގެން އުފައްދާ ފިލްމެކެވެ.

ކަބީރު ޚާން ޑައިރެކްޓްކުރާ ފިލްމުތައް ރިލީޒްކުރުން ޢާއްމުކޮށް ތާވަލުކުރަނީ މުސްލިމުންގެ ކޮންމެވެސް ޢީދަކާ ގުޅުވައިގެންކަމުން މިފަހަރުގެ ފިލްމުވެސް ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޢީދާ ދިމާކޮށެވެ.

އަންނަ އަހަރުގެ ޖޫން 14އަށް ފިލްމު ރިލީޒްކުރުން ތާވަލުކޮށްފައިވާއިރު މިފިލްމުގެ މަސައްކަތް ކުރިޔަށްއޮތް ހަ މަސްދުވަހަށް ބަހާލާގޮތަށްވަނީ ހަމަޖެހިފައެވެ. މިފިލްމަކީ، ކުޅިވަރަށް ހާއްސަ ފިލްމެއްނަމަވެސް ކަބީރް ޚާންއަކީ ފިލްމުގެ ވިޝުއަލް އިފެކްޓްސް (ވީއެފްއެކްސް) ވީހާވެސް ކޮލިޓީކޮށް ބަހައްޓަން ބޭނުންވާ ޑައިރެކްޓަރެކެވެ. އެހެންވެ "ޗަންދޫ ޗެމްޕިއަން"ގެ ޕޯސްޓް ޕްރޮޑަކްޝަންއަށް ވަގުތު ބޭނުންވާނެކަމަށް ކަބީރުގެ ޚާންގެ ފަރާތުން ވާހަކަދެއްކި މީހަކުވަނީ ބުނެފައެވެ.

މިފިލްމުގެ ލީޑް ރޯލްއިން ކާތިކް އާރްޔަން ފެންނާނެކަން ކަށަވަރުވެފައިވާއިރު ފިލްމުގައި ހިމެނޭ އިތުރުން ތަރިންގެ މަޢުލޫމާތު އަދި ހާމައެއް ނުކުރެއެވެ.

ކާތިކްގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ސަތްޔަ ޕްރޭމްކީ ކަތާ"އަކީވެސް ސާޖިދް ނަދިއަދުވާލާގެ ފިލްމު ކުންފުނީގެ އުފެއްދުމެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ފިލްމު ރިލީޒްވިއިރު މިހާތަނަށް ފިލްމަށް ލިބެމުން އަންނަ ރިވިއުސްތައްވެސް ވަރަށް ރަގަޅެވެ. ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ އިތުރުން ކާތިކްއަށް "ބޫލް ބުލައްޔާ"ގެ ތިންވަނަ ބައިން ފުރުސަތު ލިބިފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް