އަންކަރާ (4 ޖުލައި 2023): ސްވިޑެންއަށް ނޭޓޯގެ މެންބަރުކަން އަދި ދެވެން ނެތް ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެރުދުޣާން ވިދާޅުވީ ނޭޓޯގެ މެންބަރުކަން ހޯދަން ބޭނުންވާ ނަމަ ސްވިޑެންއަށް ޖެހޭނީ ތުރުކީ ރުއްސުމަށްޓަކައި ތުރުކީ އެދޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށާއި އޭގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރި ނުވުމާއި ޓެރަރިސްޓުންނަށް ހިޔާވަހިކަން ނުދިނުމާއި އަދި ތުރުކީގެ ޣައްދާރުންނަކީ ބަތަލުންކަމަށް ހަދައިގެން އެ މީހުންނަށް އެހީތެރިވުމަށް ސްވިޑެން އިން "ޖަހާ ސަކަރާތްތައް" ހުއްޓާލުން ހިމެނޭ ކަމުގައެވެ.
ރަޝިއާ ޔުކްރެއިންއަށް އަރައިގަތުމާ އެކު ސްވިޑެން ވަނީ ނޭޓޯއަށް ވަނުމަށް އެދި ރަސްމީކޮށް އެ ޖަމާއަތުގެ ސެކްރެޓޭރިއަޓްއަށް ހުށަހަޅާފައެވެ. ނޭޓޯގެ މެންބަރުކަމަށް އެދި ހުށަހަޅާ ގައުމަކަށް މެންބަރުކަން ދެވޭނީ ނޭޓޯގައި މިހާރު ހިމެނޭ ހުރިހާ ގައުމުތަކެއް އެ ކަމަށް އެއްބަސްވެ އިއްތިފާގުވެ ރުހުން ދިނުމުންނެވެ.
ސްވިޑެން ނޭޓޯއަށް ވެއްދުމަށް ހުރަސްއަޅާ ހަމައެކަނި ގައުމަކީ ތުރުކީއެވެ. ތުރުކީ ވަނީ ސްވިޑެން ނޭޓޯއަށް ވެއްދުމަށް ބޭނުންވާ ރުހުން ދިނުމަށް ޝަރުތުތަކެއް ހުށަހަޅާފައެވެ. މި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ދެ ކަމަކީ ތުރުކީން ޓެރަރިސްޓުންކަމަށް ސިފަކުރާ ކުރުދީ ޖަމާއަތްތަކަށް ސްވިޑެންއިން ދޭ އެހީތެރިކަން ހުއްޓާލުމެވެ. އަދި، ތުރުކީގައި ބަޣާވާތްކޮށް ގަދަބާރުން ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި އެ ގައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ފަތުހުﷲ ގުލެންގެ ޖަމާއަތުގެ މެންބަރުންނަށް ސްވިޑެން އިން ދޭ ހިޔާވަހިކަން ނިމުމަކަށް ގެނައުމެވެ.
ސްވިޑެން އަކީ ތުރުކީގެ ކުރުދީ ދަރިކޮޅުގެ މީހުން އެ މީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރުމަށް ކުރާ މަސައްކަތަކީ މިނިވަންކަމުގެ މަސައްކަތެއް ކަމަށް ބުނެ އެ މަސައްކަތް ކުރުމުގެ ހައްގު ކުރުދީންނަށް އޮންނާނެ ކަމަށް ދެކޭ ގައުމެކެވެ. ނަމަވެސް ތުރުކީ ދެކޭގޮތުގައި މިއީ ތުރުކީ ބައިބައިކޮށްލުމަށް ކުރުދީން ހިންގާ ޓެރަރިޒަމްގެ އަމަލެކެވެ.
ކުރުދީން މިނިވަން ކަމަށް ކުރާ މަސައްކަތަކީ ހައްގު މަސައްކަތެއްކަމަށް ސްވިޑެން ދެކޭއިރު ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ހިންގާ މިނިވަންކަމުގެ މަސައްކަތްތަކާ މެދު ސްވިޑެން ދެކެނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ. ތުރުކީގެ ހާލަތުގައި ސްވިޑެންގެ ތާއީދު އޮންނަނީ ކުރުދީންނަށެވެ. ނަމަވެސް ފަލަސްތީނުގެ މައްސަލައިގައި ސްވިޑެންގެ ތާއީދު އޮންނަނީ ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާ އިސްރާއީލަށެވެ.
ސްވިޑެންއަށް ނޭޓޯގެ މެންބަރުކަން އަދި ދެވެން ނެތް ކަމަށް ތުރުކީގެ ރައީސް އެރުދުޣާން ވިދާޅުވެފައި މިވަނީ ސްވިޑެން ނޭޓޯއަށް ވަނުމަށް ބޭނުންވާ ރުހުން ހޯދުމަށްޓަކައި ތުރުކީން ހުށަހެޅި ހުރިހާ ޝަރުތުތަކެއް ފުރިހަމަކޮށްފައިވާނެ ކަމަށް ސްވިޑެން ގެ ސަރުކާރުން ބުނުމާ ގުޅިގެންނެވެ.
ނޭޓޯގެ މެންބަރުކަމަށް އެދި ފިންލެންޑުން ހުށަހެޅި ހުށަހެޅުމަށް މިދިޔަ އަހަރު ތުރުކީ ވަނީ ރުހުން ދީފައެވެ. މިއާ އެކު ފިންލެންޑަށް މިހާރުވަނީ ނޭޓޯގެ މެންބަރުކަން ލިބިފައެވެ. ނަމަވެސް ތުރުކީ ގެންދަނީ ސްވިޑެންއާ މެދު މި މައްސަލާގައި ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންނެވެ. އަންނަ ހަފްތާގައި ނޭޓޯގެ އިސްވެރިންގެ ސަމިޓެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ތުރުކީގެ މި ދެކޮޅު ހެދުންތަކުގެ ސަބަބުން އެ ސަމިޓްގައި ވެސް ސްވިޑެންއަށް ނޭޓޯގެ މެންބަރުކަން ނުލިބޭނެކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.
މުރާސިލުން ބުނާ ގޮތުގައި ސްވިޑެންއާ މެދު ތުރުކީ މިހާ ހަރުކަށިވާ އެއްސަބަބަކީ ސްވިޑެންގައި ކީރިތި ގުރުއާނުގެ ކޮޕީތައް އަންދައިގެން އިސްލާމް ދީނަށާއި މުސްލިމުންނަށް އިހާނާތް ކުރުމުގެ ފުރުސަތު ސްވިޑެންގެ ސަރުކާރުން އެގައުމުގެ ހަރުކަށި ފަރާތްތަކަށް ދޭތީ އެކަމަށް ބަދަލު ހިފުމެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަކީ އެމެރިކާއަށް ވެސް ބޯ ނުލަނބާ ލީޑަރެއް ކަމުން އެރުދުޣާންއަށް ކަންކަން މަޖުބޫރުކޮށް ފިއްތުންތައް ކުރިމަތިކޮށްގެން ކާމިޔާބު ހޯދުމަކީ އެމެރިކާއަށް ވެސް ކުރެވޭ ވަރުގެ ކަމެއްނޫނެވެ. އެހެންކަމުން މިމައްސަލާގައި އެމެރިކާއަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއްނެތެވެ.