ކުރިއަށް އޮތް ތަނުގައި "އިންޑިއާ އައުޓް" ގޮވުން ހުއްޓާލިޔަސް ހުއްޓާލާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިއްޔެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، އެ ޕާޓީން ހުރިހާ ކަމެއް ވެސް ކުރަމުން އަންނަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށާއި އިންޑިއާ އައުޓް ގޮވުން ހުއްޓާލާނީ ވެސް އެމަނިކުފާނުގެ އެންގެވުމަށް ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ޕީޕީއެމާ ގުޅިގެން މަސައްކަތްކުރަން ނިންމި ނަމަވެސް "އިންޑިއާ އައުޓް" ގޮވާނަމަ އެ ޕާޓީއާއެކު މަސައްކަތް ނުކުރާނޭކަމުގެ އިންޒާރު ދަ ޑިމޮކްރެޓްސްގެ ފަރާތުން ދީފައި ވަނިކޮށެވެ.
މީގެ ކުރިން ޑިމޮކްރެޓްސް އިން ބުނެފައި ވަނީ ދޭދޭ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާފަދަ އެއްވެސް ކަމެއް އެއްވެސް ސިޔާސީ ޕާޓީއަކުން ކުރުމަކީ ދަ ޑިމޮކްރެޓްސްއިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށާއި، އެކަމަށް އެޕާޓީން އެއްވެސް ވަރަކަށް ތާއީދު ނުކުރާނޭ ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ފެއްޓެވި ހަރަކާތެކެވެ. ނަމަވެސް މި ފަހުން ޗާގޯސް މައްސަލައިގައި ޕީޕީއެމުން ބޭއްވި ޖަލްސާގެ ތެރެއިން ބަޔަކު އިންޑިއާ އައުޓް ބެނާއެއް ދެމި މައްސަލައިގައި އެޕާޓީން ވަނީ ބެނާ ދެމުން ކުއްވެރިކޮށްފައެވެ.
މިކަމާ ގުޅިގެން އޭރު ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ "އިންޑިއާ އައުޓް" ބެނާ އަކީ ސަރުކާރުން އިސްވެ އޮވެ ކުރިކަމެއްކަމަށް ތުހުމަތުކޮށްފައެވެ.