ކޮވިޑުގެ އާލަމީ ވަބާ ކުރިމަތި ނުވިނަމަ މިއަދު އޮންނާނީ ގުޅިފަޅު ހިއްކައި ނިންމާފައިކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގުޅިފަޅު ބިން ހިއްކުން އަލުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީ ވަރަށް ކުރިން ފެށިގެން ދިމާވެފައިވާ މައްސަލައެއްކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން ދިޔަކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، 2019 ވަނަ އަހަރު ގުޅިފަޅު ބިންހިއްކުމަށް ޕްލޭންކުރެވި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަކަމަށެވެ.
މިގޮތުން ގުޅިފަޅު ހިއްކުމަށް ފައިސާ ހޯދުމަށް ޔޫރަޕްގެ ބޭންކުތަކާ ވާހަކަދެކެވިފައިވާކަމަށާއި، ސަރުކާރުން ކުރަމުން އައި މި މަސައްކަތް މަޑުޖެހުނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމައިހުރެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮވިޑް ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައި. ކޮވިޑް ދެ އަހަރަކީ އަޅުގަނޑުމެނަށް ކުރިމަތިވި ބަދުނަސީބު ދެ އަހަރު. ކޮވިޑް ކަންތައް ނައިނަމަ ގުޅީފަޅު މިއަދު އޮންނާނީ ހިއްކާ ނިންމާފައި،" އަސްލަމް ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވިފައި ނުވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ގެންގުޅުނު ފީކަޅާ އުސޫލްތަކުގެ ސަބަބުންކަމަށެވެ.
މިކަމަށް ހައްލުނައި އެންމެ ބޮޑު ސަބަބަކީ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުތަކުން މިކަމުގައި ގެންގުޅުނު ސްޕީޑް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި "200 ފްލެޓުން 300 ފްލެޓު ދޫކޮށްގެން" މިކަންކުރުމުގެ ނަތީޖާއަކީ މި މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުންކަމަށް މިނިސްޓަރު އަސްލަމުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނީ، އެއްފަހަރާ ގިނަ އަދަދަކަށް ފްލެޓާއި ބިން ދޫކޮށްގެން ކަމަށާއި އަދުގެ ސަރުކާރުން ކުރަން މިއުޅެނީ މި މަސައްކަތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއާއެކު، މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެންނާނީ ރައީސް ޞާލިޙްގެ ސަރުކާރުންކަމަށް އަސްލަމް ވިދާޅުވިއެވެ.
ގުޅިފަޅު ހިއްކުމަށް ފެށި މި މަޝްރޫޢުގެ ދަށުން ގުޅީފަޅަށް 150 ހެކްޓަރުގެ ސަރަހައްދެއް އިތުރު ކުރާނެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ ބިން ހިއްކުމުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ސަރުކާރުން ބުނެއެވެ.