އަޟްހާ ޢީދާ ދިމާކޮށް މާލޭ ސިޓީ ޒީނަތްތެރިކުރުމުގެ ގޮތުން ހަރުކުރި ލައިޓުތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަހައްޓަން ނިންމައިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ބޮކިތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަހައްޓާ ގޮތަށް ހަމަޖެއްސީ ޢީދާ ދިމާކޮށް މާލެއިން ބޭރަށް ރަށްރަށަށް ދަތުރުކުރި މީހުންނަށް އެ ހިތްގައިމުކަން ދައްކައިލުމުގެ ގޮތުންކަމަށެވެ.
އެ ބޮކިތައް ބަހައްޓައިދިނުމަށް އެދި ގިނަ ބަޔަކު އެދެމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އެއީ ރަށުން ބޭރުގައި ތިބި ފަރާތްތައް އެކި ކަންކަމުގައި ގޮސްފައި، އެއީ ދެން ވަރަށް ޒަމާންތަކެއްވެއްޖެ ދެއްތޯ މި ގޮތަށް މާލެ ތެރެ ޒީނަތްތެރިނުވާތާ. ޚާއްސަކޮށް ޢީދަކާ ދިމާކޮށް އަލަށް ކަންނޭނގެ މިއީ. އެހެންވެ ފުދޭވަރަކަށް ރިކުއެސްޓު އައިސްފައި އެބަހުރި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ ކަންކަން ރަނގަޅުކޮށް ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކައުންސިލުން ކުރަމުން އަންނަކަމަށެވެ.

މަޖީދީ މަގުގައި ސިޓީ ކައުންސިލުން ބޮކިން ޒީނަތްތެރިކޮށްފައި -- ސަން ފޮޓޯ/ މާހިލް އާތިފް
އެއީ ކައުންސިލްގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރަމުން އަންނަ ކަންކަންކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިކަހަލަ ގިނަ ކަންކަން މިވަނީ ސަރުކާރުން އެއްބާރުލުން ދީގެންނެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން ކައުންސިލަށް ލިބޭނަމަ އިތުރު ފުރިހަަމަ ބަދަލުތަކެއް މާލެއަށް ގެނެވޭނެކަމަށެވެ.
މާލެ ތެރެ ބޮޑު ޢީދަށް ޒީނަތްތެރިކުރެވިފައިވާއިރު، އެ ކަމުގެ ހިތްގައިމުކަމުގެ ވާހަކަ މާލޭގައި ދިރިއުޅޭ ރައްޔިތުން އަންނަނީ ދައްކަމުންނެވެ. ޢީދަކާ ދިމާކޮށް އަލަށް މިފަދަ ކަމެއް ކުރި ނަމަވެސް އާންމު ގޮތެއްގައި މާލޭގައި މިނިވަން ދުވަސް ފަދަ ބައެއް މުނާސަބާތަކާ ގުޅިގެން ސަރުކާރު އިދާރާތަކުން އެ އޮފީހެއްގެ ބޭރު ބޮކިފަތިން ޒީނަތްތެރިކުރެއެވެ.