ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ރެއިޑް އޮޕަރޭޝަން ހިންގަނީ

ބިދޭސީންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 65 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ އެކަކު ކަމަށެވެ.

އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ބިދޭސީން މަސައްކަތް ކުރާ އެކި ސައިޓުތަކާއި، ދިރިއުޅެމުންދާ ތަންތަނާއި، ކައްކާ ކޭޓަރިން ޚިދުމަތް ދެމުންދާ ބޮޑެތި ތަންތަނުގައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަލުން ފަށާފައިވަނީ މިދިޔަ ޖޫން މަހުއެވެ. ސަރުކާރުން މި މަސައްކަތް އަލުން ފަށާފއިވަނީ އެ ކަމަށްޓަކައި ތަރައްގީކުރީ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށުމާ އެކުއެވެ.

މާލޭގައި ބިދޭސީން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާ ސުވާލުކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން އިމިގްރޭޝަނުން މިދިޔަ މަހު ވެސް ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ހިންގި ޕްރޮގްރާމްގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 13،000 މީހުން ގަވާއިދުގެ ތެރެއަށް ފައްތައި، ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމުގެ މަގު އިމިގްރޭޝަނުން ވަނީ ފަހި ކޮށްދީފައެވެ. އެ އޮޕަރޭޝަނުގައި 24000 ބިދޭސީއަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަމުން ދަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ފޮރިން މިނިސްޓްރީ އާއި، އިމިގްރޭޝަނާ ގުޅިގެންނެވެ.

comment ކޮމެންޓް