ޚަތިމެއް އެންދުމުން އޯއައިސީން ބާއްވާ ކުއްލި ބައްދަލުވުމުގައި ރާއްޖެ ބައިވެރިވަނީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް

ބަރަކާތްތެރި އަޟްހާ އީދު ދުވަހާ ދިމާކޮށް ސްވިޑަންގައި މުޞްޙަފެއް އެންދުމާ ގުޅިގެން އިސްލާމީ ގައުމުތައް ހިމެނޭ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.

މި އޯޕަން އެންޑެޑް ކުއްލި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު މެންދުރު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، މުހައްމަދު ޚަލީލްއެވެ.

މިބައްދަލުވުމުގައި ސްވިޑަންގައި މުޞްޙަފެއް އެންދުމާ ގުޅިގެން އެފަދަ އަމަލުތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅު ތަކާ މެދު އަދި، އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާތީ އެ ޖަމިއްޔާއިން ގުޅިފައިވާ ބަޔާނެއް ނެރުމާ މެދު މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހި ސަރުކާރުން ވަނީ ސްވިޑަންގައި ޤުރުއާން މުޞްޙަފެއް އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެވެ. އަދި އެފަދަ އަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝިއާރުތަކަށް ގެއްލުންދެނިވި ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭ ފަދަ އަމަލުތަކުގެ ސަބަބުން އެކި ފިކުރާއި އަގީދާ ތަކުގެ މީހުން އެކުގައި ހަމަޖެހިގެން ދިރިއުޅުމުގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ތަކަށް ހުރަސް އެޅޭކަން ފާހަގަކޮށް، ސަރުކާރުން ވަނީ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

comment ކޮމެންޓް