ދުނިޔޭގައި މިހާރު ދިރިހުރި އެންމެ އުމުރުން ދުވަސްވީ މީހާ، އިނގިރޭސިވިލާތުގެ އެތެލް ކޭޓަހަމް އޭނާގެ 117 ވަނަ އުފަންދުވަސް އާއިލާއާއި ރައްޓެހިންނާއެކު ފާހަގަކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ސަރީގެ ކެއާ ހޯމެއްގައި ދިރިއުޅެމުންދާ އެތެލްއަށް ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ މަގާމު ލިބުނީ، އެ މަގާމުގައި ކުރިން ހުރި ބްރެޒިލްގެ ކެތޮލިކް ނަން، ސިސްޓާ އިނާ ކަނަބާރޯ ލޫކާސް އުމުރުން 116 އަހަރުގައި މަރުވުމާ ގުޅިގެންނެވެ.
އެތެލްއަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އެތައް ހާދިސާއެއް ދެކެފައިވާ މީހެކެވެ. އެގޮތުން، މަޝްހޫރު ޓައިޓޭނިކް ބަނޑުންޖަހާލި ހާދިސާގެ ތިން އަހަރު ކުރިން އުފަންވި އެތެލް ވަނީ ދުނިޔޭގެ ދެ ބޮޑު ހަނގުރާމައާއި، ރަޝިއާގެ އިންގިލާބުގެ އިތުރުން 2020 ވަނަ އަހަރު އުމުރުން 110 އަހަރުގައި ކޮވިޑް-19 ބަލިން ސަލާމަތްވެ، އެ ބަލިން ސަލާމަތްވި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި އޭނާ ވަނީ ހިމެނިފައެވެ.
ދުނިޔޭގައި މިހާރު ދިރިހުރި އެންމެ އުމުރުން ދުވަސްވީ މީހާ، އިނގިރޭސިވިލާތުގެ އެތެލް ކޭޓަހަމް އޭނާގެ ޒުވާން އިރު -- ފޮޓޯ: ސަޕްލައިޑްއުމުރުން 97 އަހަރާ ހަމައަށް ވެސް އަމިއްލައަށް ކާރު ދުއްވި އެތެލް ވަނީ ޒުވާންއިރު އިންޑިއާއާއި ހޮންކޮންގައި ވެސް ދިރިއުޅެފައެވެ. އަދި އޭނާގެ 116 ވަނަ އުފަންދުވަހަށްފަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ވެސް ވަނީ އޭނާއާ ބައްދަލުކުރައްވާފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުނު ނަމަވެސް، އެތެލްގެ ފިރިމީހާއާއި ދެ އަންހެން ދަރިން ވަނީ އޭނާގެ ކުރިން މަރުވެފައެވެ.
ގިނަސް ރެކޯޑްތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ އުމުރުން ދުވަސްވީ މީހެއްގެ ރެކޯޑް އަދިވެސް އޮތީ 1997 ގައި ނިޔާވި ފްރާންސްގެ ޖީން ކަލްމެންޓް އަތުގައެވެ. އޭނާ މަރުވީ 122 އަހަރާއި 164 ދުވަހު ދުނިޔޭގައި އުޅެފައެވެ.