ޑައެޓް ކޯކްގައި ބޭނުންކުރާ މާއްދާއެއް، ކެންސަރަށް މަގުފަހިކޮށްފާނެ ތަކެތީގެ ލިސްޓަށް

ތައްޔާރީ ކާނާ އުފައްދާއިރު ފޮނި ރަހަ ލެއްވުމަށް ހަކުރުގެ ބަދަލުގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް އާޓިފިޝަލް ސްވީޓްނާ ކަމަށްވާ 'އެސްޕަޓޭމް' އަކީ ކެންސަރަށް މަގުފަހިކޮށްފާނެ އެއްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ރިޕޯޓްކޮށްފިއެވެ.

އެސްޕަޓޭމް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތީގެ ތެރޭގައި ޑައެޓް ކޯކްއާއި މާސް ކުންފުނީގެ އެކްސްޓްރާ ޗުއިންގަމާއި ސްނެޕްލް ކުންފުނީގެ ބުއިންތައް ހިމެނެއެވެ.

ރޮއިޓާސްއިން ކަމާ ގުޅުންހުރި ދެ މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާ (އައިއޭއާރްސީ)އިން އެސްޕަޓޭމް އަކީ 'އިންސާނުންނަށް ކެންސަރު ޖެއްސުމަށް މަގުފަހިކޮށްފާނެ' އެއްޗެއް ކަމަށް މި މަސް ތެރޭގައި ނިންމާނެއެވެ.

އައިއޭއާރްސީއިން އެގޮތަށް ކަނޑައަޅަން ނިންމާފައި ވަނީ އެސްޕަޓޭމްއާ ބެހޭ ގޮތުން މިހާތަނަށް ޝާއިއުކޮށްފައިވާ 1,300 ދިރާސާއަކަށް ބެލުމަށްފަހު، މިދިޔަ މަހު އެ ގުރޫޕްގެ މާހިރުން ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.

އެސްޕަޓޭމްއަކީ ކެންސަރު ޖައްސަފާނެ އެއްޗެއް ކަމަށް އައިއޭއާރްސީއިން ކަނޑައެޅި ނަމަވެސް، އޭގެއިން ކެންސަރަށް މަގުފަހިވަނީ ކިހާވަރަކަށް ބޭނުންކުރުމުން ކަމެއް އެ ގުރޫޕުން ކަނޑަނާޅައެވެ. އެކަމާ ބެހޭ ލަފާ ދޭނީ ޑަބްލިޔުއެޗްއޯގެ މާހިރުންގެ އެހެން ކޮމިޓީއެއް ކަމަށްވާ ޖޭއީސީއެފްއޭއިންނެވެ.

ރޮއިޓާސްގައިވާ ގޮތުން ޖޭއީސީއެފްއޭއިން ވެސް ވަނީ އެސްޕަޓޭމްއާ ބެހޭ ގޮތުން ނެރޭނެ ލަފާ ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު އެ ކޮމިޓީން ބައްދަލުވުންތައް ބާއްވަން ފައްޓާފައިވާ ކަމަށާއި، އެ ކޮމިޓީގެ ނިންމުން މިމަހުގެ 14ގައި އިއުލާން ކުރާނެ ކަމަށާއި އެއީ އައިއޭއާރްސީގެ ނިންމުން ވެސް ހާމަކުރާ ދުވަސް ކަމަށް ރޮއިޓާސްގައިވެއެވެ.

އެސްޕަޓޭމްއަކީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކާބޯތަކެތީގައި ބޭނުންކުރުމަށް ރެގިއުލޭޓަރުން ހުއްދަ ދީފައިވާ މާއްދާއެކެވެ.

ނަމަވެސް އައިއޭއާރްސީގެ ނިންމުމާއެކު، ހަކުރުގެ ބަދަލުގައި ބޭނުންކުރާ ތަފާތު 'އާޓިފިޝަލް ސްވީޓްނާ'ތަކުގެ ރައްކާތެރިކަމާ މެދު މިހާރަށް ވުރެ އިތުރަށް ބަހުސްތައް ފަށައި، އެސްޕަޓޭމްއާ ބެހޭ ގޮތުން ހަދާ ދިރާސާތައް ވެސް އިތުރުވުން އެކަށީގެންވާ ކަމަށް މާހިރުން ބުނެއެވެ.

އައިއޭއާރްސީގެ ނިންމުންތަކުގެ ސަބަބުން މީހުންގެ މެދުގައި މާބޮޑަށް ބިރުވެރިކަން އުފެދި، ބައެއް ކަންތައްތަކާ ބެހޭ ގޮތުން އޮޅުން އަރާ ކަމަށް ބުނެ އެ އިދާރާއަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ކެންސަރަށް މަގުފަހިކޮށްފާނެ ކަމަށް އައިއޭއާރްސީއިން މީގެ ކުރިން ލިސްޓުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މާގިނައިން ނުވަތަ އިތުރު ވަގުތުގައި މަސައްކަތް ކުރުމާއި ގެރިމަހާއި ބަކަރިމަހާއި ކަންބަޅީގެ މަސް ފަދަ މަސް ކެއުން ހިމެނެއެވެ.

comment ކޮމެންޓް