މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓްވި ހަފީޒުއަށް ގިނަ އަދަދަކަށް ލޭ ހޯދަނީ

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި އެމްއެންޔޫގެ ލެކްޗަރާ ހަފީޒް

ހީނާމާގޭ ޕާކިންޒޯނު ކުރިމަތީ ހުންނަ މިސްކިތުން ނިކުމެ މަގު ހުރަސްކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން އޭޑީކޭގެ އައިސީޔޫގައި މިހާރުއޮތް އަލީ ހަފީޒުއަށް ގިނަ އަދަދަކަށް ލޭ ބޭނުންވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ހަފީޒުގެ ގާތް މީހަކު ބުނީ، އޭޑީކޭގެ އެދުމުގެ މަތިން ހަފީޒުއަށް ގިނަ އަދަދަކަށް ލޭ ބޭނުންވެގެން އާންމުންގެ އެހީތެރިކަމަށް މިހާރު އެދިފައިވާކަމަށެވެ. ހަފީޒުއަށް ލޭ ބޭނުންވެގެން ހަ ޑޯނަރުން ހޯދުމަށް ހޮސްޕިޓަލުން ބުނެފައިވާއިރު، އޭނާއަށް ބޭނުންވަނީ "ބީ" ޕޮޒިޓިވް ލެއެވެ.

މިދިޔަ ބުދަދުވަހު ހިނގި މި އެކްސިޑެންޓުގައި ހަފީޒުގެ ހަށިގަނޑުގެ އެތެރެއިން ލޭ މަނާ ނުވާތީވެ، ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނެއް އަދިވެސް ވަނީ ނުކުރެވިއެވެ.

މިހާތަނަށް ޑޮކްޓަރު ބެލި ބެލުމުން ކަނާތު ފައިގެ އިތުރުން ކޯތާފަތުގެ ކަށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން ބޮލަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހަފީޒް ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. އެ ވަގުތު ސައިކަލް އައިލެއް ބާރުކަމުން ޖެހުމާއެކު އޭނާ ދިޔައީ ވިއްސައިގެންނެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުނެއެވެ. އޭނާ އަދިވެސް ހުރީ މިނިވަންކޮށް ދޫކޮށްލައިފައެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ.

comment ކޮމެންޓް