ގެއްލުނު ހައްޖުވެރިޔާ ނިޔާވެފައި އޮއްވައި ފެނިއްޖެ

ހައްޖުގެ އަޅުކަން އަދާކުރަން ގޮސް އުޅުމުގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލުނު ދިވެހި ހައްޖުވެރިޔާ، ގެއްލުނުތާ ހަތަރު ދުވަސް ފަހުން ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

އެއީ އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނަސީމު ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ރޭގެ ދަންވަރުގެ 1:55ހާއިރު ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލާ ހަވާލާދީ މިނިސްޓްރީން ބުންޏެވެ.

ނަސީމް ގެއްލިގެން ހޯދަމުން އަންނަނީ މިނާއިން ޢަރަފާތު ބިމަށް ދިއުމުގެ ކުރިން މީގެ ހަތަރު ދުވަސް ކުރިންނެވެ.

މީގެ ކުރިން ނަސީމް ދެ ފަހަރެއްގެ މަތިން ހައްޖަށް ދިޔައެވެ. މިހާރު އުމުރުން ދުވަސްވެފައިވުމުން އޭނާ ހަނދާނުގެ މައްސަލަ ހުންނަ ކަމަށް އާއިލާއިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް