ޓްރެވަލް އެޑްވައިޒަރީ ނެރުނީ ހަމައެކަނި ރާއްޖެއަށް އަމާޒުކޮށްފައެއް ނޫން: ސަފީރު

ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ވީއައިއޭއަށް ލޭންޑް ކުރަނީ --- ފޮޓޯ ވީއައިއޭ

ޓެރަރިސްޓު ހަމަލާއެއް ދީފާނެކަމަށް ބަލައި، ދަތުރުކުރުމުގައި ސަމާލުވުމަށް އެދި އިނގިރޭސިވިލާތުން ނެރުނު ޓްރެވެލް އެޑްވައިޒަރީއަކީ ހަމައެކަނި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ނެރުނު އެޑްވައިޒަރީއެއް ނޫންކަމަށާއި އެއީ މި ސަރަހައްދުގެ ގައުމުތަކަށް ބަލައި ނެރުނު އެޑްވައިޒަރީއެއްކަމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސިވީލާތުގެ ސަފީރު ކެރޮލިން ރޮސްލާ ވިދާޅުވެއްޖެއެވެ.

ކެރޮލިން މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރެއްވީ ރާއްޖޭގައި ޓެރަރިސްޓު ހަމަލައެއް ދޭން އުޅޭތީ ރާއްޖެއަަށް ދަތުރުކުރުމުގައި ސަމާލުވާން އެދޭކަމަށް ބުނެ އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީ ނެރުނުކަމަށް ބުނެ ބައެއް ޚަބަރުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އޭނާގެ ޓްވީޓުގައިވަނީ އެއީ ދޮގު ޚަބަރުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ޓްރެވަލް އެޑްވައިޒަރީއަކީ ރާއްޖެއަށް އަމާޒުކޮށް، ހަމައެކަނި ރާއްޖެއަށް ނެރުނު އެޑްވައިޒަރީއެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ޓެރަރިސްޓު ހަމަލައެއް ދޭން އުޅޭކަމުގެ އެއްވެސް ޚަބަރެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެމްއެންޑީއެފަށް ލިބިފައިނުވާކަމަށެވެ.

ދޭތެރެ ދޭތެރެއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ގައުމުތަކުގެ ސިޔާސީ، އިގްތިޞާދީ، އިޖްތިމާއީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ބޮޑެތި ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް އައުކުރެއެވެ.

އަދި އެއަށް ބައެއް ބަދަލުތައް ގެނެސް އެ ގައުމުގެ ރައްޔިތުން އެ ތަނަކަށް ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންކަން ބުނެދެއެެވެ.

comment ކޮމެންޓް