އައްޑޫސިޓީ ހިތަދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނަކުން 50 ފުޅި ބަނގުރާއާއެކު ހައްޔަރުކުރި ދިވެހި ފިރިހެނަކު ކޯޓުން މިނިވަންކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަން ހިންގީ ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކުރީ ހިތަދޫ ވަލުތެރެއިންނެވެ. ބަނގުރާ ފުޅިތައް ވެސް ފެނުނީ އެ ތަނުންނެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.
މި އޮޕަރޭޝަނުގެ ކުރިން އޭގެ ދެ ދުވަސް ކުރިން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކައްކަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހިތަދޫ ވަލުތެރެއިން ހޯދައިފައިވެއެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކަކީ ޢީދު ބަންދާ ގުޅިގެން ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.