ދިވެހި ދެ ހައްޖާޖީންނަށް އައިސީޔޫގައި ފަރުވާ ދެނީ

ދިވެހި ދެ ހައްޖާޖީންނަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ވަނީ ހައްޖަގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރައްބިއްޔާއަށް ގޮސްފައެވެ.

ހައްޖު ދުވަހާ ގުޅިގެން މިއަދު ދައުލުތެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަނިލް ވިދާޅުވީ, ބަލި ހާލަތު ހުރި ގޮތުން ދިވެހި ދެ ހައްޖާޖީއަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

އުމުރުން ދުވަސްވީ އެ ދެ ހައްޖާޖީން އަރަފާތު ބިމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އަނިލް ވިދާޅުވީ, އޮކްސިޖަން ގުޅައިގެން އެ ދެ ހައްޖާޖީން އެމްބިއުލައިންސްގައި އަރަފާތު ބިމަށް ގެންދެވޭތޯ ބަލަމުން ދާ ކަމަށެވެ. އެއީ ބަލި ހާލަތު ހުރި ގޮތުން ހިނގާބިނގާވެ ނޫޅުވޭ ހައްޖާޖީންނަށް ސައުދީ ސަރުކާރުން މީގެ ކުރިން ވެސް ދޭ ހިދުމަތެކެވެ.

އެ ދެ ހައްޖާޖީން ފިޔަވައި އެހެން ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް އަނިލް ވިދާޅުވިއެވެ. އަދި އެ ހުރިހާ ހައްޖީޖީން ވެސް ވަނީ މިއަދު އަރަފާތު ބިމަށް އައިސްފައެވެ.

ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.

ކޮވިޑާ ހެދި 2021ވަނަ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރެވެ. އެއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އެންމެ ގިނަ އަދަދަކަށް ހައްޖުވެރިން މައްކާގެ މުގައްދަސް ބިންތަކަށް ޖަމާވެފައިވަނީ މިއަހަރުގެ ހައްޖު މޫސުމުގައެވެ. ޙައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ ބުނާގޮތުން މި އަހަރު ޙައްޖުގެ ފަރުޟު އަދާ ކުރުމަށްޓަކައި 160 ގައުމަކުން 2.3 މިލިޔަން މީހުން މައްކާއަށް ވަނީ އައިސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް