ޤުރުއާން ބާވައިލައްވަމުން ގެންދެވިއިރު، އެކިއެކި ކަންކަމާބެހޭގޮތުން މީސްތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރަމުން ދިޔައެވެ. އެކަންކަމާމެދު ދީނުގެ އިރުޝާދުތަކާއި ޙުކުމްތައް އޮންނަނީ ކިހިނެއްތޯ ބެލުމަށެވެ. ދީނާ ގުޅޭ ކަމެއްގައި ނުބައިކޮށް ޢަމަލުކުރެވިދާނެޔަތީ އިތުރަށް އޮޅުންފިލުވައި ދަސްކުރުމުގެ ބޭނުމުގައެވެ. މީސްތަކުންގެ އެފަދަ ސުވާލުތަކަށް ދެއްވާނެ ޖަވާބު ބާވައިލެއްވުމާއެކު، އެ ޖަވާބުތައް ދެއްވަމުން ގެންދެވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ އަންގަވާފައިވެއެވެ.
ކަންކަމާބެހޭގޮތުން މީސްތަކުން ސުވާލުކުރާނެކަމަށް އަންގަވާފައިވާ 12 އާޔަތުގައި؛ އެބައިމީހުން ސުވާލުކުރާނެކަމަށް ވަޙީކުރެއްވުމަށްފަހު ދެން އޮންނަނީ قُلْ (އެބަހީ: ކަލޭގެފާނު ވިދާޅުވާށެވެ.) މިފަދައިންނެވެ. މިސާލަކަށް، يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ ... (ބަޤަރާ: 189) "ހުޅެވި ހަނދާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ!" يَسْأَلُونَكَ مَاذَا يُنْفِقُونَ قُلْ ... (ބަޤަރާ: 215) "މީސްތަކުން އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ!" يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ قُلْ ... (ބަޤަރާ: 217) "ޙުރުމަތްތެރިވެގެންވާ މައްސަރުގައި ހަނގުރާމަކުރުމާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ!" يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ ... (ބަޤަރާ: 219) "ރާއާއި ޖުވާ ކުޅުމާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ!" وَيَسْأَلُونَكَ عَنِ الْيَتَامَىٰ ۖ قُلْ ... (ބަޤަރާ: 220) "އަދި ޔަތީމުންނާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ!" މީގެއިތުރުން ބަޤަރާ ސޫރަތުގެ 222 އާއި މާއިދާ 4 އާއި އަޢުރާފު 187 އާއި އަންފާލް 1 އާއި އިސްރާ 85 އާއި ކަހުފު 83 އާއި ޠާހާ 105 ގައިވެސް، ސުވާލުތަކަށް ޖަވާބު ދެއްވުން ހަވާލުކުރައްވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެވެ.
الله ގެ ޙަޟުރަތުން ކަމަކަށް އެދި ދެންނެވުމާ ބެހޭގޮތުން މީސްތަކުން ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމައާ ސުވާލުކޮށްފި ހިނދު، އެއަށް ޖަވާބު ދެއްވުމުގައި އެއްވެސް ވާސިޠާ (މެދުވެރި) އެއްނެތި ސީދާ الله ތަޢާލާ ޖަވާބު ދެއްވަވާފައިވަނީ ހަމަ އެންމެ ކަމަކާ ބެހޭގޮތުންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (ބަޤަރާ: 186) "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އެއުރެންނާ ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމުއެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ."
ދުޢާކުރުމުގެ މުހިއްމުކަން އެނގޭ ޙަދީޘްފުޅުތައް ވަރަށް ގިނައެވެ. އޭގެތެރޭގައި މި ޙަދީޘްފުޅު ހިމެނެއެވެ. إِنَّ رَبَّكُمْ حَيِيٌّ كَرِيمٌ يَسْتَحِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا (އަބޫދާއޫދު: 1488، ތިރުމިޛީ: 3556 - ޞަޙީޙު) "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ ލަދުވެތިވެވޮޑިގަންނަވާ، ދީލަތިވަންތަ އިލާހެވެ. އެކަލާނގެ އަޅުންގެތެރެއިން އަޅަކު އޭނާގެ ދެއަތް އުފުލައި އެކަލާނގެއަށް ކަމަކަށް އެދި ދަންނަވައިފިނަމަ ހުސްއަތާ ދޫކޮށްލެއްވުމަށް އެ އިލާހު ލަދުވެތިވެވޮޑިގަންނަވައެވެ." ﷲ އަށް ދުޢާ ކުރުމަށްފަހު އެ ދުޢާ އިޖާބަނުވެގެން އުޅުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއްނޫނެވެ. ދުޢާ ކުރަންޖެހޭނީ އިޖާބަކުރައްވާނޭކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "އިޖާބަކުރައްވާނޭކަމުގެ ޔަޤީންކަމާއެކު ތިޔަބައިމީހުން ﷲ އަށް ދުޢާ ކުރާހުށިކަމެވެ. އަދި ދަންނާށެވެ! ހިތުގެ ޣާފިލުކަމާއެކު ފަރުވާލެއްނެތި ކުރާ ދުޢާ ﷲ އިޖާބައެއްނުކުރައްވާނެތެވެ."(ތިރުމިޛީ: 3479) ދުޢާ އިޖާބަކުރެއްވުން ތިންގޮތަކަށް އޮންނަކަން ޙަދީޘުން ސާބިތުވެއެވެ. އެއީ އޭނާގެ ދުޢާގައި އެދުނުގޮތަށް އިޖާބަކުރެއްވުން ނުވަތަ އެ ދުޢާގެ ހެޔޮކަން އާޚިރަތަށްޓަކައި ފަސްކޮށްދެއްވުން ނުވަތަ ދުޢާގެ ސަބަބުން އޭނާއަށް ޖެހޭން އޮތް މުޞީބާތެއް ނުޖެހޭނެގޮތް މެދުވެރިކޮށްދެއްވުމެވެ. މިތިންގޮތުން ކުރެ ގޮތަކަށް އިޖާބަކުރައްވާނީ ފާފައެއް ކުރުމަށް ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމަށް ކުރެވޭ ދުޢާއަކަށް ނުވާނަމައެވެ.(އަޙްމަދު: 3/18)
ދީނުގެ ކަންކަމާމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ކުރެވޭނެ (ބައެއް) ސުވާލުތަކުގެ ޖަވާބު ބާވައިލެއްވުމާއެކު، އެ ޖަވާބުތައް ދެއްވުމުގެ ޒިންމާ އިތުރު އެކަލޭގެފާނާ ހަވާލުކުރައްވާފައިވެއެވެ. ނަމަވެސް ﷲ ގެ ޙަޟުރަތުން ކަމަކަށް އެދި އެއިލާހަށް ދެންނެވުމާމެދު ކުރެވޭނެ ސުވާލަށް ޖަވާބު ދެއްވަވާފައިވަނީ ސީދާ ﷲ ތަޢާލާއެވެ!