މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ގެޒެޓްކޮށް، އާންމުކޮށްފިއެވެ.

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރު، ޖުމްލަ 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި 15،164 ފޯމާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމުގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.

މިއަދު ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މަސައްކަތް ވެސް މިހާރު ނިމުމަކަށް ގޮސްފައިވާ ކަމަށާއި އެ ލިސްޓަށް މާ ދިގު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ، ގޯއްޗަށާއި ފްލެޓަށް ފޯމް ހުށަހެޅުމަށް ޚާއްސަކޯށް އުފެއްދި 'ގެދޮރުވެރިން ޕޯޓަލް'އަށް ދުނިޔޭގެ 64 ގައުމެއްގައި ތިބެގެން މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބިންވެރިޔާ ސްކީމްގައި ބައިވެރިވުމަށް 15،164 ފޯމް ހުށަހަޅާފައިވާއިރު، އެ ފޯމްތަކުގައި 23،088 މީހެއްގެ ނަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އަސާސީ ޝަރުތުތައް 12،794 ފޯމެއްގައި ހަމަވާއިރު، ޝަރުތު ހަމަވާ މީހުންގެ އަދަދު 19،857އަށް އަރާ ކަމަށް އާރިފް ވިދާޅުވިއެވެ.

މިއަދު އާންމުކުރާ ލިސްޓުގައި 10،314 މީހުންގެ ނަން ހިމެނޭއިރު، އެ ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،500އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"[ސިންގަލްކޮށް ފޯމް ހުށަހެޅި] ބޭފުޅުންނާއި ދެން ލިސްޓުގައި ތިބި ބޭފުޅުންނަށް މި ހުޅުވާލަނީ ޖޮއިންޓްވާން. މި ލިސްޓު ގެޒެޓް ކުރެވުމާއެކު ޕޯޓަލްގަ [ޖޮއިންޓްވާން އެދޭ] ފީޗާވެސް ހުންނާނެ... އެ ބޭފުޅެއްގެ އައިޑީ ކާޑު ނަމްބަރު ޖައްސަވާފަ އެއީ އާއިލީ ގޮތުން ކޮން ގުޅުމެއް އޮންނަ ބޭފުޅެއްކަން ޖެއްސެވީމަ އެ ރިކުއެސްޓް ދާނެ ރިކުއެސްޓް ފޮނުވާ ބޭފުޅާއަށް އެ ބޭފުޅާ ޕޯޓަލްއަށް ވަންނަވާ އެ ރިކުއެސްޓް އެކްސެޕްޓް ކުރެއްވީމާ އެ ޖޮއިންޓް ކުރެވޭނެ ހަމަ އެގޮތަށް އާއިލާ ގުޅުން އޮންނަ ހުރިހާ ފަރާތަތަކަށް ޖޮއިން ކުރެވޭނެ," އާރިފް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ލިސްޓާ ބެހޭ ޝާކުވާ އަންނަ މަހުގެ 15އާ ހަމައަށް ހުށަހެޅޭނެ ކަމަށެވެ.

comment ކޮމެންޓް