ފަލަސްތީނުގެ މިނިވަންކަމުގެ ވާހަކައަކީ ދައްކަންޖެހޭ ވާހަކައެއް ނޫން: ނަތަންޔާހޫ

ނަތަންޔާހޫ

ހިފާފައިވާ ގުދްސު (26 ޖޫން 2023): ފަލަސްތީނުގެ މިނިވަންކަމުގެ ވާހަކައަކީ ދައްކަންޖެހޭ ވާހަކައެއް ނޫންކަމާއި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމުގެ ފިކުރަކީވެސް މުލުން ލުހެލަންޖެހޭ ބޯދާ ފިކުރެއްކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ޕާލަމެންޓްގެ އަމަނާއި ޚާރިޖީ ކަންކަމާބެހޭ ސަބްކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނަށް މިނިވަންކަން ދޭން ނުޖެހޭކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އުފައްދައިދޭންވެސް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަކަރާއި ހީލަތް ހެދުމާއި ވައްކަމާއި ކޮރަޕްޝަނުގެ އެތައް މައްސަލައެއްގައި ތާށިވެ ދައުވާ އުފުލިފައިވާ ނަތަންޔާހޫ ވިދާޅުވީ މިނިވަން ދައުލަތެއް ގާއިމްކުރެވޭނެކަމަށް ފަލަސްތީނުން ދެކެނީ ހުވެފެނެއްކަމަށާއި އެ ހުވަފެން ދޫކޮށްލައި އިސްރާއީލުގެ ދަށުގައި ތިބެންޖެހޭނެކަމުގެ ހަގީގަތް ފަލަސްތީނުގެ ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމުގައެވެ.

އެގޮތް ގަބޫލުނުކުރާހާ ހިނދަކު ފަލަސްތީނު މީހުން އުޅެންޖެހޭނީ މިހާރު އުޅެމުންދާ ދަތި ހާލުގައި ކަމަށާއި "އަމިއްލަ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުން ގެންގުޅޭ ފިކުރު މުލުން ލުހެލަންޖެހޭ" ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫ ގެންދަވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ވައްކަމާއި ކޮރަޕްޝަނާއި މަކަރު ހެދުމުގެ ދައުވާތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދިނުމުގެ ބަދަލުގައި ވެރިކަމުގައި ފައިހަރުކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.

މީގެތެރޭގައި އިސްރާއީލުގައި ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ޔަހޫދީ ހަރުކަށި ޕާޓީތަކާ ގުޅިގެން ސިޔާސީ ހަރަކާތްތައް ކުރިޔަށްގެންދިޔުމާއި އިސްރާއީލުގެ ޝަރުއީ ދާއިރާއަށް އަތްބޭނޭފަދަ ގާނޫނުތައް ހަދައިގެން ކޯޓުތަކަށް ބާރާއި ނުފޫޒު ހިންގަން އުޅުން ހިމެނެއެވެ. މިކަމާގުޅިގެން ނަތަންޔާހޫ އާ ދެކޮޅަށް އިސްރާއީލުގެ އާންމުން މުޒާހަރާތައް ކުރަމުންގެންދާތާ އެތައް މަހެއް ވެއްޖެއެވެ.

އަނެއްކޮޅުން އެމެރިކާގެ އެހީގައި އަރަބި ބައެއް ގައުމުތަކާ ގުޅިގެން އީރާނާ ދެކޮޅަށް އަސްކަރީ ޖަމާއަތެއް އުފެއްދުމަށް އޭނާ ކުރި މަސައްކަތްތައްވެސް ވަނީ މުޅިން ނާކާމިޔާބުވެފައެވެ. މިކަން ނާކާމިޔާބުވީ ސައޫދީ އީރާނާ ގާތްވެ ސައޫދީއާއި އީރާނުން ގުޅުންތައް ގާއިމް ކުރުމުގެ ސަބަބުންނެވެ.

މީގެއިތުރުން ފަލަސްތީނުގެ ހައްގުތައް ނުދީ އިސްރާއީލަށް ސައޫދީގެ އިއުތިރާފު ހޯދުމަށް އެމެރިކާގެ އެހީގައި ނަތަންޔާހޫގެ ސަރުކާރުން ކުރި މަސައްކަތްތައްވެސްވަނީ ފެނަށް ގޮސްފައެވެ. ސައޫދީ ވަނީ ފަލަސްތީނުގެ ހުޅަނގުއައްސޭރިން އިސްރާއީލު ފާބައި ހުޅަނގުއައްސޭރިއާއި ޣައްޒާ ހިމެނޭގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފައްދަނީސް ސައޫދީން އިސްރާއީލާ ގުޅުން ނުއުފައްދާނެ ކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކޮށްފައެވެ.

އަނެއްކޮޅުން ސޫރިޔާ އެކަހެރި ކުރަން އެމެރިކާއާއި އިސްރާއީލު ގުޅިގެން ކުރި މަސައްކަތްވެސް މިހާރުވަނީ ނާކާމިޔާބުވެފައެވެ. އަދި އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމު ހުއްޓުވުމަށްޓަކައި އީރާނަށް ހަމަލާދޭނެކަމަށް ބުނެ އިސްރާއީލުން އިންޒާރު ދޭތާ ވިއްސަކަށް އަހަރުވެފައިވާއިރު އެކަމަށް އިސްރާއީލު ނުކުޅެދިފައިވާ މިންވަރާއި އީރާނުދެކެ އިސްރާއީލު ޖެހިލުންވާ މިންވަރު ދުނިޔެއަށް ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.

ނަމަވެސް ނަތަންޔާހޫ އަދިވެސް ގެންދަވަނީ މީގެ ވިއްސަކަށް އަހަރުކުރިން އިސްރާއީލުން އީރާނަށް ދިން ބާވެފައިވާ ބޯދާ އިންޒާރުތައް އަނެއްކާވެސް އައުކޮށްގެން އެއިންޒާރުތައް ދީ އިސްރާއީލަކީ މާބާރު ގަދަގައުމެއްކަން އަދިވެސް ދެއްކޭތޯ ނާކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

ނަތަންޔާހޫ ވިދާޅުވިގޮތުގައި އިސްރާއީލުގެ ކޮންޓްރޯލް އޮންނަ ގޮތަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ވެރިކަމުގެ އިދާރާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ބޭއްވުމަށް އިސްރާއީލުން އަބަދުވެސް ތާއީދުކުރާނެއެވެ. އަދި އެކަމަށް ވާގިވެރިވެސް ވާނެއެވެ. އެއީ ރައީސް މަހްމޫދު އައްބާސްގެ ވެރިކަމުގެ އިދާރާ އަކީ އިސްރާއީލުގެ މަސްލަހަތަށް މަސައްކަތްކޮށްދޭ އިދާރާއަކަށްވާތީ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ރައީސް މަހްމޫދު އައްބާސްގެ ވެރިކަމުގެ އިދާރާ އިން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ އިސްރާއީލުން ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމެވެ. މީގެއިތުރުން ކުރާކަމަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ މައުލޫމާތު އިސްރާއީލަށް ފޯރުކޮށްދިނުމެވެ.

ޣައްޒާއާ އެއްގޮތަށް ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ މުޖާހިދުންނަށް މިނިވަންކަމުގެ ހަރަކާތްތައް އިސްރާއީލާ ދެކޮޅަށް ހިންގަން ދަތިވަނީ ރައީސް މަހްމޫދު އައްބާސްގެ ވެރިކަމުގެ އިދާރާ އިސްރާއީލާ ގުޅިގެން މަސައްކަތްކުރާތީއެވެ. ނަމަވެސް މިކަންކުރަނީ ރައީސް މަހްމޫދު އައްބާސްގެ ވެރިކަމުގެ އިދާރާ އަށް މަޖުބޫރުވެގެންނެވެ.

comment ކޮމެންޓް