ޙައްޖުވެރިން އަރަފާތަށް ދާން ތައްޔާރުވުމުގެ ގޮތުން މިނާއަށް ޖަމާވާން ފަށައިފި

ހައްޖުވެރިން މިނާގައި

މިނާ (26 ޖޫން 2023): މި އަހަރުގެ ޙައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ހައްޖުވެރިން މިނާއަށް ޖަމާވާން ފަށައިފިއެވެ. މިއަދަކީ ތަރްވިޔާގެ ދުވަހެވެ. އެއީ ހައްޖުވެރިން އަރަފާތުގެ ބިމަށް ދިޔުމަށް ޓަކައި މިނާއަށް ދާ ދުވަހެވެ.

ތަރްވިޔާގެ ދުވަހުގައި ހައްޖުވެރިން މިނާގައި ތިބެނީ ކީރިތި ރަސޫލާ (ސޢވ)ގެ ސުންނަތަށް އިގްތިދާ ވުމުގެ ގޮތުންނެވެ. މިނާއަކީ މައްކާއާ ހަތް ކިލޯ މީޓަރުގެ ދުރުގައިވާ ބިމެކެވެ. ހައްޖު މަހުގެ އަށްވަނަ ދުވަހަށް ތަރްވިޔާގެ ދުވަހުގެ ގޮތުގައި ނަންދެވިފައި ވަނީ ޙައްޖުމަހުގެ ނުވަވަނަ ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަށް ޓަކައި އެ ދުވަހަށް ބޭނުންވާ ބޯފެން ހޯދައި ރައްކާކުރުމަށް ރަސޫލު ޒަމާނުގައި ކުރަމުން ގެންދިޔަ މަސައްކަތްތަކަށް ރިޢާޔަތް ކޮށްގެންނެވެ.

ކީރިތި ރަސޫލާ (ސޢވ)ގެ ދުވަސްވަރު މައްކާގެ ހާލަތު އޮތް ގޮތުން ފެން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދަތިކަމެކެވެ. އެ ދުވަސްވަރު ހައްޖުމަހުގެ އަށްވަނަ ދުވަސް ޚާއްސަކޮށްފައި ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޙައްޖުވެރިންނަށް ބޭނުންވާ ފެން ހޯދައި ރައްކާ ކުރުމުގެ މަސައްކަތް ކުރާ ދުވަހުގެ ގޮތުގައެވެ. އެހެންވެ، ޙައްޖު ދުވަހު ޙައްޖުވެރިން އަރަފާތަށް ދިޔުމުގެ ކުރިން މިނާގައި ތިބޭ ދުވަސް ފާހަގަކޮށްފައިވަނީ ތަރުވިޔާގެ ދުވަހުގެ ގޮތުގައެވެ. މިހާރު ތަރުވިޔާގެ ދުވަހު ޙައްޖުވެރިން މިނާގައި ތިބެނީ ކީރިތި ރަސޫލާގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.

ޙައްޖުވެރިން މިނާގައިތިބޭ ފޭލިގެތައް

ރޭ އިޝާ ނަމާދަށް ފަހު ހައްޖުވެރިން ވަނީ މިނާގައި ތަރްވިޔާގެ ދުވަސް ހޭދަކުރުމަށް ޓަކައި މިނާގެ މަޝްއަރަށް ދާން ފަށައިފައެވެ. ސައޫދީ މީޑިއާ ބުނާ ގޮތުން މާތްވެގެންވާ މައްކާގައިވާ ޙައްޖުގެ މަޝާއިރުތައް ޙައްޖުވެރިންނަށްޓަކައި ވަނީ މުޅިން ތައްޔާރުވެފައެވެ.

ހައްޖުގެ މަޝާއިރުތައް ކުރިއަށް ދާނީ މިނާއާއި ޢަރަފާތާ އަދި މުޒްދަލިފާގައި ހައްޖުގެ މަޝާޢިރުތަކުގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ. ބަރަކާތްތެރި ޙައްޖު ދުވަހަކީ ނުވަތަ އަރަފާތުގެ ދުވަހަކީ މާދަމާ ކަމަށްވާއިރު ގާތްގަނޑަކަށް ދެ މިލިޔަނަށްވުރެ ގިނަ ހައްޖުވެރިން އިއްޔެގެ ނިޔަލަށް މައްކާގެ މުޤައްދަސް ބިންތަކަށް ވަނީ ޖަމާވެފައެެެވެ.

ޙައްޖުގެ އެންމެ ބޮޑު ރުކުން ކަމަށްވާ އަރަފާތު ބިމުގައި ތިބުން މި ރުކުން އަދާ ކުރުމަށް ޙައްޖުވެރިން ޢަރަފާތުގެ މާތް ބިމަށް މާދަމާ ޖަމާވާނެއެވެ. އެ ކަމަށްޓަކައި މިއަދު އިރުއޮއްސުމުގެ ކުރިން ހުރިހާ ޙައްޖުވެރިން މިނާއަށް ދާނެއެވެ.

މިނާއިން ޢަރަފާތުގެ ބިމަށް ދިޔުމަށް ޙައްޖުވެރިން ދަތުރު ފަށާނީ އާންމު ގޮތެއްގައި މިރޭ ފަތިސް ނަމާދަށް ފަހުގައެވެ. ނަމަވެސް މަގުތައްތާށި ވާނެތީ މިރޭ ދަންވަރު ވެސް ބައެއް ހައްޖުވެރިން އަރަފާތަށް ދާން ފަށާނެއެވެ. ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މާދަމާ މެންދުރު ނަމާދަށްފަހު ޙައްޖު ޚުތްބާ ދިނުން އޮންނާނެއެވެ.

މާދަމާގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރުއޮއްސޭން ފެށުމާ އެކު ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މާދަމާ ރެއަކީ އަޟްޙާ ޢީދު ވިލޭރެއެވެ. އެރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ތިބެ އެ ތަނުން ހިލަހޮވުމަށް ފަހު ޢީދު ދުވަހުގެ ފަތިހު އަނެއްކާ ވެސް މިނާއަށް ޖަމާވުމަށްޓަކައި ހައްޖުވެރިން މުޒްދަލިފާއިން މިނާއަށް ދިޔުމުގެ ދަތުރު ފަށާނެއެވެ.

ޙައްޖުވެރިން ހައްޖުގެ މަޝާއިރުތަކަށް ދިޔުމުގެ ދަތުރުފަތުރު ހަމަޖެއްސުމުގައި އިލެކްޓްރިކް ރޭލް ފަދަ ޒާމާނީ ވަސީލަތްތަކުގެ ބޭނުން އެދެވޭ ގޮތުގައި މިހާރު ކުރަމުން ގެންދާތީ މައްކާގެ ހަރަމްފުޅުގެ ސަރަހައްދުން މިނާއަށް ދިޔުމުގައި މަގުތައް ތާށިވުމުގެ މައްސަލަ ވަރަށް ކުޑައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އެންމެ ގިނަ އަދަދަކަށް ހައްޖުވެރިން މައްކާގެ މުޤައްދަސް ބިންތަކަށް ޖަމާވެފައިވަނީ މިއަހަރުގެ ހައްޖު މޫސުމުގައެވެ. ޙައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ ބުނާގޮތުން މި އަހަރު ޙައްޖުގެ ފަރުޟު އަދާ ކުރުމަށްޓަކައި 160 ގައުމަކުން 2.3 މިލިޔަން މީހުން މައްކާއަށް ވަނީ އައިސްފައެވެ.

comment ކޮމެންޓް